ވިޔަފާރި ކުރުމަށާއި އާމްދަނީ ލިބޭ މަސައްކަތްތައް ކުރުމަށް ދޫކުރާ ހުއްދަ ދޫކުރުން ފުލުހުންނާ ހަވާލު ކުރުމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ގޮވާލައްވައިފިއެވެ.

ޝުޖާއު ވިދާޅުވީ، ވިޔަފާރި ކުރުމަށާއި އާމްދަނީ ލިބޭ މަސައްކަތްތައް ކުރުމަށް ދޫކުރާ ހުއްދަ ދޫކުރުން މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލަކީ ފެއިލް ވެފައިވާ ތަނެއް ކަމަށް ވިދާޅުވެ، އޭނާ ވަނީ އެކަން ފުލުހުންނާ ހަވާލު ކުރުމަށް ގޮވާލައްވާފައެވެ.

ޝުޖާއު މިހެން ވިދާޅުވެފައި ވާއިރު، ވިޔަފާރި ކުރުމާއި އާމްދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމުގެ ހުއްދައަށް އެދެން ޖެހެނީ ސިޓީ ކައުންސިލަށެވެ. އަދި ސިޓީ ކައުންސިލުން ގެންދާ ވެރިފިކޭޝަނަކަށް ފަހު ހުއްދަ ދޫކުރަނީ ފުލުހުންނެވެ. އާ ހުއްދަތަކަށް ސިޓީ ކައުންސިލަށް އެދެން ޖެހުނަސް މީގެ ކުރިން ފުލުހުން ދޫކޮށްފައިވާ ހުއްދަތައް ވެސް ބާތިލު ނުވާނެއެވެ.

ސިޓީ ކައުންސިލަށް ހުއްދައަށް އެދި ހުށަހަޅަން ޖެހެނީ އެ ކައުންސިލްގެ ވެބްސައިޓުގައި މިކަމަށް ހާއްސަކޮށްފައިވާ ފަސޭހަ މަގު ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް ކަމާބެހޭ ހުރިހާ މައުލޫމާތުތައް ހުށަހަޅަން ޖެހޭއިރު، ފުރިހަމަ ކުރަންޖެހޭ މައުލޫމާތު އެނގޭ ކަރުދާހެއް ވެބްސައިޓުގައި ވާނެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ހުއްދަ ހޯދުމަށް ލޮސްޓުތައް ފޮނުވުމާއި ކަމާބެހޭ ގޮތުން ކުރަންޖެހޭ ހުރިހާ މުއާމަލާތެއް ހިންގާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށެވެ. އަދި މި ގަޑިތަކުގެ ފަހުން ހުށަހަޅާ ފަރާތްތައްތަކަށް ހުއްދަ ދިނުމުގެ މަސައްކަތް ހިންގާނީ ޖެހިގެން އަންނަ ދުވަހުގެ އެ ގަޑީގައި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތަތްތައް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން ހަވީރު 5:00 އާ ދޭތެރޭ 3306719 އަށް ގުޅުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.