ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ރަށްރަށުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއެއް ދީ، އާންމު ހިދުމަތް ދިނުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

އެޗްޕީއޭ އިން މިއަދު ގެޒެޓް ކުރި ލިޔުމުގައި އަންގާފައި ވަނީ މާލެ ސަރަހައްދާއި، މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކާއި، މޮނިޓަރިންގެ ހާލަތު ނިމުމަކަށް އައިތާ 14 ދުވަސް ނުވާ ރަށްތަށް ފިޔަވައި އެހެން ހުރިހާ ރަށެއްގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއެއް ދިނުމަށެވެ.

އެޗްޕީއޭން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ނެގި ކަމުގައިވީ ނަމަވެސް، ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާއަށް ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކޮށްގެން ނުވާނެ ކަމަށެވެ. އަދި މިހާލަތުގައި ދަތުރު ކުރަން ޖެހިއްޖެނަމަ، ބޭނުންވާ ކާއެއްޗެއްސާއި އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ލޯކަލް ކައުންސިލްތަކާއި ކަމާ ބެހޭ ފަރާތްތަކުން ވިލަރެސް ކުރަން ޖެހޭ ކަމަށް އެ އެޖެންސީން ބުނެއެވެ.

އެޗްޕީއޭން ބުނީ، މާލެ ސަރަހައްދާއި، މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކާއި، މޮނިޓަރިންގެ ހާލަތު ނިމުމަކަށް އައިތާ 14 ދުވަސް ނުވާ ރަށްތަށް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު، އާންމު ހިދުމަތްތަކާއި ގުޅޭ ކަންކަމާއި އިޖުތިމާއީ އަދި އިގްތިސޯދީ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ރަށުތެރޭގައި އެއްތަނުން އަނެއް ތަނަށް ދިއުމުގެ ހުއްދަ ވެސް އެޗްޕީއޭން ވަނީ ދީފައެވެ.

އާންމުކޮށް ރަށްތަށް ހުޅުވަލާފައިވީ ނަމަވެސް ބަިން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލުކޮށް، ރަށުތެރޭގައި އުޅޭއިރު ގައިދުރު ކަމަށް އިސްކަން ދިނުމަށް އެޗްޕީއޭން ވަނީ އަންގާފައެވެ.

ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދު ރެޑް އެލާޓަށް ގެނެސް، ލޮކްޑައުން ކޮށްފައިވާއިރު، މިހާރު މޮނިޓާރިންގެ ހާލަތުގައި އޮތީ ނ. މަނަދޫ އަދި ށ. ނަރުދޫއެވެ. މޮނިޓަރިންގެ ހާލަތް ނިމި، 14 ދުވަސް ހަމަ ނުވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ، ކ. ތުލުސްދޫ، ކ. ހިންމަފުށި، ހއ. ތަކަންދޫ އަދި ށ. މިލަންދޫއެވެ.