ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވެ ކޮންމެ ދުވަހަކު އެތައް ބަޔަކު ޖޫރިމަނާކޮށް މިއަދާ ހަމައަށް ޖުމްލަ 5390 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ ޖުމްލަ މީހުންގެ އަދަދަކީ 5390 ކަމަށާއި އެއީ މާލެއިން 5166 މީހުންނާއި، ހުޅުމާލެއިން 657 މީހުންނާއި، ވިލިމާލެއިން 107 މީހުން ކަމަށެވެ. އަދި މިހާތަނަށް ލޮކްޑައުންގެ ހާލަތުގައި މަގުމަތީ އުޅެގެން ހައްޔަރުކޮށްފައި ވަނީ ޖުމްލަ 338 މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ. އެއީ މާލެއިން 299 މީހުންނާއި ހުޅުމާލެއިން 36 މީހުންނާއި ވިލިމާލެއިން 3 މީހުންނެވެ.

އިއްޔެ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 20 މީހަކު ހައްޔަރު ކޮށް 118 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. އެގޮތުން އިއްޔެ ހައްޔަރު ކުރި 20 މީހުންނަކީ މާލެއިން 18 މީހަކާއި ހުޅުމާލެއިން ދެމީހެކެވެ. އިއްޔެ ޖޫރިމަނާ ކުރި 118 މީހުންގެ ތެރެއިން މާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 98 މީހުން ހިމެނޭއިރު، ހުޅުމާލެއިން ޖޫރިމަނާ ކޮށްފައިވާ 19 މީހަކާއި ވިމާލެއިން ޖޫރިމަނާކުރި މީހަކުވެސް މީގެ ތެރޭގައި ހިމެނެއެވެ.

މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ.

ހާއްސަ ހުއްދައެއް ނަަގައިގެން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުން ދާއިރުވެސް ކޮންމެ ދުވަހަކު އެހާ ގިނަ އަދަދަކަށް މީހުން ލޮކްޑައުންގެ އަމުރާ ހިލާފް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. ސިއްހީ މާހިރުން ގޭގައި ތިބުމަށް ނަސޭހަތް ދެމުން އަންނަ އިރު ރާއްޖޭގައި މިހާރު މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 1513 އަށް އަރާފައެވެ.