ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ބާތް ޓަބެއްގައި މަރުވެފައި އޮތް ވާހަކައަކީ ދޮގު ވާހަކައެއް ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާ (އެންއީއޯސީ) އިން ބުނެފިއެވެ.

މިރޭ ސޯޝަލް މީޑިއާގައި އައިސޮލޭޝަން ފެސިލިޓީއެއްގައި ހުރި މީހަކު މަރުވެފައިވާ ކަމަށް ބުނެ ޖަހާފައިވާ ޕޯސްޓެއް ވަނީ ދައުރުވެފައެވެ. އެ ޕޯސްޓް ޖަހާފައި ވަނީ އަހުމަދު މުއާޒް ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓަކުންނެވެ.

ފޮޓޯއާ އެކު ޖަހާފައިވާ ޕޯސްޓުގައި ވަނީ އެމީހާ އަކީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހެއް ކަމަށާއި އޭނާ ފެނުނު އިރު އޮތީ ބާތް ޓަބްގައި މަރުވެފައި ކަމަށެވެ. އަދި އޭނާ ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ ޓެގްކޮށް އޭނާގެ އެކުވެރިއާއަށް ހެޔޮދުއާވެސް ކޮށްފައެވެ.

މިކަމާ ގުޅިގެން އެންއީއޯސީން ބުނީ ސޯޝަލް މީޑިއާގައި އެބުނާ މީހާއާ ގުޅައިގެން އެންއޯސީން ވާހަކަ ދެއްކި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެހެންކަމުން އޭނާ މަރުވެފައި އޮތް ކަމަށް ފަތުރާ އެ ވާހަކަ އަކީ ދޮގު މައުލޫމާތެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯއިން އެމީހާގެ މޫނެއް ނުފެއެވެ. އޭނާ ބާތް ޓަބްގައި އޮތް އިރު މޫނު ނުފެންނާނެހެން އެއްފަރާތަަކަށް އެނބުރިގެން އޮތް އިރު ޓަބްގެ ކައިރީގައި ޖޫސްތައްޓެއްވެސް ބަހައްޓާފައި ހުރިތަން ފެނެއެވެ. އަދި ފޮޓޯއިން ފެންނަ މީހާގެ ހަށިގަނޑުގެ ވަރު ދޫވެފައިވާ ކަމަކަށް ވެސް ނުފެނެއެވެ.

މި ޕޯސްޓް އޭނާ ޝެއާ ކުރުމާ އެކު ފޭސްބުކް ބައެއް ޕޭޖްތަކުގައިވެސް ވަނީ އެ ޕޯސްޓް ޝެއާކޮށް މި ކަން ހިނގިގޮތް ސާފުކުރަން ބޭނުންވާ ކަމަށް މީހުން އެދިފައެވެ. ނަމަވެސް މީހާރު އެ ޕޯސްޓް ޝެއާ ކުރި ޕޭޖުތަކުން ވަނީ އެ ޕޯސްޓް ޑިލިޓް ކޮށްފައެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ، އޮޅުވެލި އައިސޮލޭޝަން ފެސިލިޓީގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކު ބާތް ޓަބެއްގައި މަރުވެފައި އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރާ ފޮޓޯއަކީ ހަގީގަތާ ހިލާފް ވާހަކައެއް ކަަމަށެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފެތުރި މައްސަލަ ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އެފަރާތުން ބުނެއެވެ.

އަދި މި ޕޯސްޓް ޝެއާކުރި ފަރާތްތަކުން އެ ޕޯސްޓް ޑިލިޓް ކުރުމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮވިޑްއާ ގުޅޭ ގޮތުން ދޮގު ހަބަރުތައް ނުފެތުރުމަށް މީގެ ކުރިންވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ފަރާތްތަކަށް މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.