އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައި ވަނީ އަންނަ އޮގަސްޓްމަހު ކަން ހާމަ ވެއްޖެއެވެ.

ފިޔަވަހި ތަކަކަށް ބަހާލައިގެން ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދެމުންދާއިރު، އޮގަސްޓަ މަހު ވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ދޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ދެމުންދާއިރު، ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ވެސް އެއްރަށުން އަނެއް ރަށަށް މުދާ އުފުލުމުގެ ހުއްދަ ވަނީ ދީފައެވެ. ނަމަވެސް މުދާ އުފުލާ އުޅަނދެއްގައި ދަތުރުކުރާ އެއްވެސް ފަރާތަކަށް އެ އުޅަނދުން ފޭބުމުގެ ހުއްދައެއް ނޯވެއެވެ.

އެގޮތުން، އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދެނީ ދެވަނަ ފިޔަވަހީގެ ދަށުންނެވެ. ހުއްދަ ދިން ނަމަބެސް، ފިޒިކަލް ޑިސްޓެންސިން ޕްރެކްޓިސް ކުރުމާއި، ނަގުދު ފައިސާ ބޭނުން ނުކުރުމާއި، ކުޑަދޮރުތައް ހުޅުވާފައި ހުރުމުގެ އިތުރުން ސާފުތާހިރު ކަމަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭނެއެވެ. އަދި ދަތުރުކުރާ ހުރިހާ ފަރާތްތަކުން މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމަފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހި ދެމިގެން ދާނީ އެއް މަސް ދުވަހުގެ ނިޔަލަށެވެ. އެގޮތުން މި ފިޔަވަހި ވަނީ ދެބަޔަކަށް ބަހާލާފައެވެ. ޖޫން މަހުގެ ފުރަތަމަ ދެ ހަފްތާ އަދި ޖޫން މަހުގެ ފަހު ދެ ހަފްތާއަށެވެ.

ދެވަހަ ފިޔަވަހި ދެމިގެން ދާނީ ދެ މަހަށެވެ. އެގޮތުން ހަތަރު ބަޔަކަށް އެ ފިޔަވަހި ބަހާލާފައި ވާއިރު، އެއީ ޖުލައި މަހުގެ ފުރަތަމަ ދެހަފްތާ، ފަހު ދެ ހަފްތާ އަދި އޮގަސްޓް މަހުގެ ފުރަތަމަ ދެ ހަފްތާއާއި ފަހު ދެ ހަފްތާއެވެ. ތިން ވަނަ ފިޔަވައްސަކީ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލާ ނިއު ނޯމަލް ގައި އާންމު ދިރިއުޅުން އިއާދަ ކުރާ ފިޔަވައްސެވެ.