ފުރަތަމަ ފިޔަވަހީގައި ލޮކްޑައުންއަށް ދޭ ލުއިތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ފުރަތަމަ ފޭސްގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަޅަން ނިންމާ، މިހާރު އިއުލާނު ކޮށްފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން، މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވި އެ މަޖިލީހުގެ ޖަލްސާގައި، އެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވައިގެން ހުރިހާ އިދާރާތަކުންވެސް ކަންކަން ކުރަމުން ގެންދިއުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސް ސޯލިހް ވަނީ އަލިއަޅުއްވާ ލައްވާފައެވެ. އަދި ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ވެސް ކުރިއެކޭ އެއްގޮތަށް ދިނުމަށްޓަކައި، އިތުރަށް ކުރަން ހުރި ކަންކަމާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި ވަޒީރުން ވަނީ ވާހަކަ ދައްކަވާފައެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމަފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހި ދެމިގެން ދާނީ އެއް މަސް ދުވަހުގެ ނިޔަލަށެވެ. އެގޮތުން މި ފިޔަވަހި ވަނީ ދެބަޔަކަށް ބަހާލާފައެވެ. ޖޫން މަހުގެ ފުރަތަމަ ދެ ހަފްތާ އަދި ޖޫން މަހުގެ ފަހު ދެ ހަފްތާއަށެވެ.

ދެވަހަ ފިޔަވަހި ދެމިގެން ދާނީ ދެ މަހަށެވެ. އެގޮތުން ހަތަރު ބަޔަކަށް އެ ފިޔަވަހި ބަހާލާފައި ވާއިރު، އެއީ ޖުލައި މަހުގެ ފުރަތަމަ ދެހަފްތާ، ފަހު ދެ ހަފްތާ އަދި އޮގަސްޓް މަހުގެ ފުރަތަމަ ދެ ހަފްތާއާއި ފަހު ދެ ހަފްތާއެވެ. ތިން ވަނަ ފިޔަވައްސަކީ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލާ ނިއު ނޯމަލް ގައި އާންމު ދިރިއުޅުން އިއާދަ ކުރާ ފިޔަވައްސެވެ.