ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން މިދާ ދުވަސްވަރުގައި ގެއިން ބޭރަށް ނިކުންނަ ނަމަ މާސްކް ބޭނުން ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ. ނަމަވެސް ސާޖިކަލް މާސްކް، އެން95 މާސްކް ފަދަ މާސްކަކީ ހުރިހާ އެންމެނަށް ލިބޭނެ އެއްޗަކަށް ނުވުމާއެކު މިވަނީ ފޮތި މާސްކް ބޭނުން ކުރަން ޖެހިފައެވެ.
ފޮތި މާސްކަކީ ވަރަށް ފަސޭހައިން ތައްޔާރު ކުރެވިދާނެ އެއްޗެކެވެ. މާސްކް ފަހާލެވިދާނެއެވެ. ނޫން ނަމަ ޓީޝާޓެއް، ބޮޑު ރުމާ ނުވަތަ ސްކާފެއް ވެސް ބޭނުން ކުރެވިދާނެއެވެ.
ބޮޑު ރުމާލަކުން ނުވަތަ ސްކާފަކުން މާސްކެއް ތައްޔާރު ކުރުމަށް ބޭނުންވާނީ ރުމާ އަދި ބަންނަ ރަބަރު ނުވަތަ ބޮލުގައި އައްސާ ރަބަރު ކޮޅެކެވެ.
ފުރަތަމަ ރުމާ ފަތްޖަހާލުމަށް ފަހު، ތިރިން މައްޗަށް ފަށަލައެއް އަދި މަތިން ތިރިއަށް ފަށަލައެއް ފަތްޖަހާލާނީއެވެ. ދެން ފަތްޖެހި ރުމާލުގެ މެދުން 6 އިންޗި ދޫކުރުމަށް ފަހު ދެ ފަރާތުން ރަބަރު ލައްވާލުމަށް ފަހު ރުމާލުގެ އަރިމަތިން އެއް ފަށް އަނެއް ފަށުގެ ތެރެއަށް މަހާލުމަ ށްފަހު އެއްކޮށްލުމުން މާސްކު ތައްޔާރު ކުރެވުނީއެވެ.
ޓީޝާޓަކުން ފޮތި މާސްކު ތައްޔާރު ކުރުމަށް ބޭނުންވާނީ ކަތުރަކާއި ޓީޝާޓެއް އެކަންޗެވެ. އެގޮތުން ޓީޝާޓް މާސްކެއް ގޮތަށް ކަފާލުމުން މާސްކު ތައްޔާރު ކުރެވުނީއެވެ.
ފޮތި މާސްކު ފެހުމަށް ބޭނުންވާނީ ފަހާ ފޮށްޓަކާއި، ކަތުރަކާއި ތިނޯސް އަދި ބަރަނީގެ އިތުރުން ފޮއްޗާއި އިލާސްޓިކެވެ. އެގޮތުން 10 އިންޗި ދިގު، 6 އިންޗި ފުޅާ ތިން ފޮތިކޮޅު، ރޮދި ކައިރިކޮށް ވިޔެފައި (ތްރެޑް ކައުންޓް ގިނަ) ކޮޓަން ފޮތި އަދި 6 އިންޗި ދިގު، ދެ އިލާސްޓިކް ފަށެވެ. އިލާސްޓިކްގެ ބަދަލުގައި ވާފަށެއް، ބޮލުގަ އައްސާ ރަބަރު، ފޮތި ފަށެއް ނުވަތަ ބަންނަ ރަބަރުވެސް ބޭނުން ކުރެވިދާނެއެވެ.
ފުރަތަމަ 10 އިންޗި ދިގު، އިންޗި ފުޅާ ތިން ފޮތިކޮޅު ކަފާ، އެއްފޮތިކޮޅު މަތީ އަނެއް ފޮތިކޮޅު އެއްވަރަށް ބާއްވާލާނީއެވެ. ދެން ފޮތިކޮޅުގެ ދިގުމިނުން 1/4 އިންޗި ފަތްޖެހުމަށް ފަހު ފަތިޖަހާ އެއަށް ފަހު ފުޅާމިނުން 1/2 އިންޒި ފަތްޖެހުމަށް ފަހު ތިރިއަށް ފަތިޖަހާނީއެވެ.
ދެން ފޮތިކޮޅުގެ ފުޅާމިނުން ދެ ފަރާތަށް ޖެހި ފަތީގެ އެތެރެއަށް 6 އިންޗި ދިގު، 18 އިންޗި ފުޅާ އިލާސްޓިކް ލައްވާލުމަށް ފަހު އިލާސްޓިކް ފަށުގެ ދެކޮޅު އެއްކޮށް ގޮށެއް ޖަހާނީއެވެ. އިލާސްޓިކުގައި ޖެހި ގޮށް ފަތީގެ އެތެރެއަށް ވެއްދުމަށް އިލާސްޓިކް ފަށް ފަތީގެ ތެރެއަށް ދަމާލާ، އެއަށް ފަހު މާސްކް މޫނަށް ހެޔޮވަރުކޮށް، އިލާސްޓިކް ފަށް މާސްކުގައި ހަރުކުރުމަށްޓަކައި މާސްކުގެ ކަނުން ފަހާލާނީއެވެ. އެހިސާބުން މާސްކް ތައްޔާރު ކުރެވުނީއެވެ.
ފޮތި މާސްކުގައި ހުންނަން ޖެހޭ ސިފަތަކާއި ސާފު ކުރާނެ ގޮތްތައް:
ފޮތި މާސްކު ބޭނުން ކުރުމާއި ތައްޔަރު ކުރުމުގައި ހާއްސަ ސިފަތަކެއް ހުންނަން ޖެހެއެވެ. އަދި ކޮންމެ ފަހަރަކު ބޭނުން ކުރުމަށް ފަހު އަލުން ބޭނުން ކުރުމަށް މާސްކު ދޮންނަން ޖެހެއެވެ. އެގޮތުން އާންމުކޮށް ބޭނުން ކުރާ ޑިޓާޖެންޓް ބޭނުންކޮށްގެން ދޮންނަ މެޝިނުން ނުވަތަ އަތުން ދޮވެގެން މާސްކު ބޭނުން ކުރެވިދާނެއެވެ.
މާސްކް ބޭނުން ކުރުމަށް ފަހު ބާލަން ވާނީ ފަހަތުގައި ހުންނަ ވާކޮޅު މޮހެލަައިން ނުވަތަ އިލާސްޓިކުކޮޅު ނައްޓާލައިގެންނެވެ. މާސްކް ބާލާއިރު މާސްކުގެ ބޭރު ފަށަލައިގައި އަތްނުލުމަށް ސަމާލުކަން ދޭން ޖެހޭއިރު މާސްކު ބޭލުމަށް ފަހު ވަގުތުން ސައިބޯނި ލައިގެން އަތް ދޮވުން މުހިންމެވެ.