މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުގައި ފަތުރުވެރިކަމަށް މަގުބޫލު ސައިޕްރައިސްގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ ތެރެއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ ފަތުރުވެރިންނާ އެމީހުންގެ އާއިލާތަކުގެ ކެއިންބުއިމާއި، އެކޮމޮޑޭޝަން ޚަރަދުތައް ހަމަޖައްސާދޭން އެ ގައުމުން ނިންމައިފިއެވެ.

ސައިޕްރަސްގެ ސަރުކާރުން ބުނީ ފަތުރުވެރިންގެ އަތުން ހިނގާނެ ހަމައެކަނި ޚަރަދަކީ އެއާޕޯޓް ޓްރާންސްފާއާއި ރީޕެޓްރިއޭޝަން ފްލައިޓަށް ހިނގާ ޚަރަދެއް އެކަނި ކަމަށެވެ.

ފަތުރުވެރިންނަށް ހާއްސަކޮށްގެން ސައިޕްރަސްއިން ދޭ އިނާޔާތްތައް ތަފްސީލުކޮށްދެމުން ސައިޕްރަސްގެ ސަރުކާރުން ބުނީ، އެ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ ފަތުރުވެރިންނަށް އެކްސްލޫސިވް ހޮސްޕިޓަލެއްގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ، ފަތުރުވެރިކަމުގެ ސިނާއަތަށް ސައިޕްރަސް އަލުން ހުޅުވާލަން ނިންމާފައިވަނީ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އެގައުމަށް ބައިނަލްއަގުވާމީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

ސައިޕްރަސްއަށް ފަތުރުވެރިން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ކުރިން ކޮވިޑް-19އަށް ޓެސްޓު ކުރަންޖެހެއެވެ.