ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ކުރުމަށް ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެވުނު ނަމަވެސް އެ ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދުތަކަށް ތަބާވެ ކޮންމެހެން ނިކުންނަން ނުޖެހޭނަމަ ގެއިން ބޭރަށް ނުނިކުތުމަށާއި ދެވޭ ހުއްދަތަކުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މާލެއިން ކޮވިޑް19 ފެނި ކޮމިއުނިޓީ ސްޕްރެޑެއް ފެތުރެން ފަށާނެ ކަމުގެ ބިރު އޮތުމުން މިދިޔަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. ނަމަވެސް ރޭ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ލޮކްޑައުންގެ މުއްދަތު އިތުރު އެއް މަހަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް މީގެކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން ސުޕާ މާކެޓުތަކާއި، ބޭކަރީ، ކަންމަތީ ފިހާރަ، ފާމަސީ، ބުކްޝޮޕް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތަކުގެ އިތުރުން ހާޑްވެއާ ފިހާރަތައް ހުޅުވޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
މިއަދުން އިން ފެށިގެން މަސް މާރުކޭޓު ވެސް ހުޅުވޭނެ ކަމަށާއި، އަދި ލޮކްޑައުންގެ ފުރަތަމަ ފިޔަވަހީގައި ބޭންކުގެ ހިދުމަތް ތިން ދުވަހު ދެވޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ. އަދި ލޮކްޑައުންގެ ފުރަތަމަ ފިޔަވަހީގައި ކެފޭ ރެސްޓޯރެންޓުތަކުން ޑެލިވަރީ ކުރުމުގެ ހިދުމަތް އޮންނާނެ ކަމަށާއި ޓެކްސީ އަދި ޕިކަޕުގެ ހިދުމަތް ވެސް ދިނުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.