ރައްޔިތުންގެ ފައިސާއިން އެއްބަޔަކަށް މުސާރަ ލިބުނަސް އަމިއްލަ މަސައްކަތުން ކައިބޮއެ އުޅޭ ބަޔަކު ތިބިކަން ދަންނަން ޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޑރ. މުނައްވަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ކޮންމެ މީހަކަށް މުސާރަ ޖަމާ ނުވާނެ ކަމަށާއި އަމިއްލަ މަސައްކަތުން ކައިބޮއެ އުޅޭ މީހުންނަށް މަސައްކަތް ނުކުރެވި އާމްދަނީ ނުލިބި ތިބިކަންވެސް ދަންނަން ޖެހޭ ކަމަށެވެ. އާންމުކޮށް މިބާތުގެ ވާހަކަ މުނައްވަރު ނުދައްކަވާ އިރު އޭނާ އެހެން ވިދާޅުވެ ޓްވީޓް ކުރެއްވީ ރާއްޖޭގައި އޮތް ލޮކްޑައުންގެ ހާލަތާ ގުޅިގެން ލުއިތަކެއް ދިން ނަމަވެސް ލޮކްޑައުންގެ މުއްދަތު އިތުރު 1 މަސް ދުވަހަށް އިތުރު ކުރުމާއި ދިން ލުއިތަކުގެ ތެރޭގައި އަމިއްލަ މަސައްކަތް ކޮށް އުޅޭ ފަރާތްތަކުގެ ވާހަކަ ހިމެނިފައި ނުވާތީ ކަމަށް ގަބޫލު ކުރެވެއެވެ.

އަމިއްލަ މަސައްކަތުން ފައިސާ އެއްކޮށްގެން އާއިލާ ބަލަހަށްޓާ ފަރާތްތަކަށް މިވަގުތު އިތުރު ގޮތްތަކެއް ނެތް އިރު، މި ވާހަކަ ދައްކަނީވެސް މަދު މީހަކެވެ. އެ ފަރާތަކުގެ އަތްމަތި ދަތިވެ އާއިލާގެ ހަރަދުތަށް ނުބެލެހެއްޓި ވަނީ ހަދާނެ ގޮތް ހުސްވެފައި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮވިޑް-19 މާލެއިން ފެނި ލޮކްޑައުން ކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ. ފުރަތަމަ 14 ދުވަހަށް ކޮށް އޭގެ ފަހުން މާލޭގައި ލޮކްޑައުންގެ މުއްދަތު އިތުރު އެއް މަހަށް މިހާރު ވަނީ ދިގު ދައްމާލާފައެވެ. މިއަދުން ފެށިގެން ވަނީ ހުއްދަ އަކާއެކު ލުއިތަކެއް ދިނުމަށް ނިންމާފައެވެ. ނަމަވެސް އެ ހުއްދަތަކުން އެފަދަ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެއްވެސް ފައިދާއެއް ނުކުރާ ކަމަށް ބުނެ އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ.

ހަމަ އެހެންމެ އެފަދަ ފަރަތްތަށް "ޖޮބް ސެންޓާ" ގައި ރަޖިސްޓާ ކުރުމަށް ސަރުކާރުން އެދެމުން ދިއުމުގައިވެސް މާނައެއް ނެތް ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.