ކޮވިޑް19 އާއި ގުޅިގެން ނިއު ނޯމަލްގެ ދަށުން އާއްމު އެއްވުންތަކާއި ޕާޓީތައް ބޭއްވުމުގެ ހުއްދަ ލިބިގެން ދާނީ ސެޕްޓެމްބަރުގައި ކަން ނިއު ނޯމަލް އުސޫގައި ބަޔާންކޮށްފިއެވެ.

އެ އުސޫލުގައި ސެޕްޓެމްބަރު މަހު ކުޑަކުދިންގެ އުފަންދުވަހުގެ ޕާޓީތަކާއި ކައިވެނި ހަފްލާތަކާއި އަދި އެނޫނަށް އާއްމު އެއްވުންތައް ފަދަ ކަންކަން ބޭއްވުމުގެ ހުއްދަ ލިބިގެން ދާނެއެވެ. އެ އުސޫލުގައިވާ ގޮތުގައި އެއީ ފޭސް ތިނެއްގައި ދިނުމަށް ނިންމާފައިވާ ލުއިތަކެވެ. ނަމަވެސް ޖުލައި މަހުގެ ތެރޭގައިވެސް އާއްމު އެއްވުންތައް ބޭއްވުމުގެ ހުއްދައެއް ދީފައެއް ނުވެއެވެ. އެކަމަކު އޮގަސްޓު މަހު އެކަމަށް ކުޑަ ލުޔެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގިނަވެގެން 10 މީހުން އެއްވެގެން އުޅެވޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

ޖުލައި މަހުގެ ތެރޭގައި ފިހާރަތަކަށް ވަދެ ނިކުތުމުގައިވެސް އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވެއެވެ. އެގޮތުން ފިހާރަތަކަށް ވަނުމުގައި މާސްކު އެޅުމާއި އަދި އެއްފަހަރާ ގިނަ އަދަދެއްގެ ކަސްޓަމަރުން ފިހާރައަށް ނުވަނުން ހިމެނެއެވެ. މީގެއިތުރުން ހަފްތާއަކަށް ވާވަރަށް ތަކެތި ގަތުމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ޖުލައި މަހުގެ ތިންވަނަ އަދި ހަތަރުވަނަ ހަފްތާގައި، ހަފްތާއަކަށް ވާވަރަށް ތަކެތި ގަތުމަށް ލުއިތަކެއް ދީފައިވެއެވެ. ސެޕްޓެމްބަރު މަހު އެއްކޮށް އާއްމު ހާލަތަށް ގެނެވޭނެ ކަމަށް ލަފާކޮށް އަޅާފައިވާ ފިޔަވަޅުތައް ވަނީ ނަގާފައެވެ.

މިހާރު ބޭންކުތައް ހުޅުވުމަށް ނިންމާފައިވަނީ ހަފްތާއަކު ތިން ދުވަހުއެވެ. ނަމަވެސް ޖުލައި މަހުން ފެށިގެން ހަފްތާއަކު ފަސް ދުވަހު ބޭންކުތައް ހުޅުވުމަށް ވަނީ ނިންމާފައެވެ. ބޭންކުތައް ހުޅުވުމަށް ނިންމާފައިވަނީ ހާއްސަ ފިޔަވަޅުތަކަކާއި އެކުގައެވެ. އެގޮތުން އެއްފަހަރާ ގިނަ މީހުން ބޭންކަށް ނުވަނުމާއި މާސްކު އެޅުމާއި އިޖުތިމާއީ ގައިދުރުމިން ބެހެއްޓުން ހިމެނެއެވެ. މި ފިޔަވަޅުތައް އޮގަސްޓު މަހާއި ހަމައަށް ނެރެފައިވާއިރު ސެޕްޓެމްބަރު މަހުން ފެށިގެން މި ފިޔަވަޅުތަކަށް ވެސް ލުއިތައް ދީ އާއްމު ހާލަތަކަށް ގެނެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަންނަ މަހުވެސް ކެފޭ އަދި ރެސްޓޯރަންޓުތައް އާއްމުންނަށް ހުޅުވައެއް ނުލާނެއެވެ. އަންނަ މަހުވެސް އެތަންތަނުން ކުރާނީ ޑެލިވަރީއެވެ. ކެފޭ އަދި ރެސްޓޯރެންޓުތައް ހުޅުވާނީ އަންނަ ޖުލައި މަހުން ފެށިގެންނެވެ. ޖުލައި މަހު ހުޅުވާލި ނަމަވެސް ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ޝީޝާ ބުއިމާއި ވޭޕް ކުރުން ފަދަ ކަންކަން ވަނީ މަނާކޮށްފައެވެ. އެގޮތުން މި ފިޔަވަޅުތައް ވެސް އޮގަސްޓު މަހުގެ ނިޔަލަށް އަޅާފައިވެއެވެ. ނަމަވެސް ފިޔަވަޅުތައް ނަގާނެ ކަމަށް ބުނެފައިވަނީ ސެޕްޓެމްބަރު މަސް ތެރޭގައެވެ.

ރާއްޖެއިން ކޮވިޑް19 އެންމެ ފުރަތަމަ ފެނުނީ މިދިޔަ މާޗު މަހުއެވެ. ނަމަވެސް އޭރު އެހާ ބޮޑަށް ރާއްޖޭގައި މި ބައްޔެއް ނުފެތުރެއެވެ. މިބަލި ކުއްލިއަކަށް ފެތުރެން ފެށީ މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން މީހަކު މިބައްޔަށް ޕޮޒިޓިވްވުމާއި އެކުގައެވެ.