މާލެއިން ކޮވިޑް19 ފެނި މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި މުއްދަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވެ، އިއްޔެ އެކަނިވެސް މާލެއިން 145 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އިއްޔެ ލޮކްޑައުން އަމުރާ ހިލާފުވެގެން 4 މީހަކު ހައްޔަރުކުރި އިރު 145 މީހަކު އިއްޔެ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އިއްޔެ އެންމެ ގިނަ މީހުން ޖޫރިމަނާ ކޮށްފައި ވަނީ މާލެއިން ކަމަށް ވާއިރު، ހުޅުމާލެއިން ޖުމްލަ 638 މީހަކާއި ވިލިމާލެއިން ޖުމްލަ 106 މީހެކު ހިމެނެއެވެ. މިހާތަނަށް ޖުމްލަ 5812 މީހަކު ލޮކްޑައުން އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައި ވެއެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ލޮކްޑައުން އަމުރާ ހިލާފުވެގެން ޖުމްލަ 318 މީހަކު ހައްޔަރު ކޮށްފައި ވާއިރު އެންމެ ގިނަ މިހުން ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ. އެއީ ޖުމްލަ 281 މީހުންނެވެ.
މާލެއިން ކޮވިޑް-19 ފެނުނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން މާލެ ސަރަހައްދު ލޮކްޑައުން ވަނީ ކޮށްފައެވެ. މާލެ ސަރަހައްދު މީގެ ދެ ފަހަރެއްގެ މަތިން ލޮކްޑައުން ކުރި މުއްދަތު އިތުރު ކޮށްފައިވެއެވެ. ނަމަވެސް މިހާރު ލޮކްޑައުންގައި އަޅާފައިފާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.