ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ދެކޮޅަށް ކުރަމުންދާ ބައިނަލްއަގުވާމީ ހަނގުރާމާގައި އެންމެ ކާމިޔާބު އެއް ގައުމުގެ ގޮތުގައި ސިފަކުރަމުން އަންނަ ނިއުޒީލަންޑްއިން މި ބައްޔަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ އެންމެ ފަހު ޕޭޝަންޓު ގެއަށް ދޫކޮށްލައިފިއެވެ.

ނިއުޒީލަންޑްގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުދަ ދުވަހު އާންމުކުރި މައުލޫމާތަށް ބަލާއިރު ފާއިތުވީ 5 ދުވަހުގެ ތެރޭގައި އެގައުމުން ކޮވިޑް-19ގެ އާ ކޭހެއް ފެނިފައެއް ނުވެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެމުން ނިއުޒީލަންޑްގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އެގައުމުން ބަލިޖެހުނު މީހުންގެ ތެރެއިން 1462 މީހަކަށް ޝިފާ ލިބި، ރަނގަޅުވެފައިވާކަމަށާ، މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ލޮގް ކޮށްފައިވަނީ އެންމެ 21 ކޭސް ކަމަށެވެ.

ނިއުޒީލަންޑްއިންވަނީ 267435 ސާމްޕަލްއެއް ކޮވިޑް-19އަށް ޓެސްޓު ކޮށްފައެވެ. އަދި އެންޒީ ކޮވިޑް ޓްރޭސާ އެޕްގެ އެހީގައި ކޮންޓެކްޓް ޓްރޭސިންގްއާއި މޮނިޓަރިންގްގެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާއިރު، އެ ގައުމުން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 1504އެވެ. ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކަށް ބަލާއިރު ނިއުޒީލަންޑްއިން މި ބަލީގައި މަރުވެފައިވަނީ 5 މީހުންނެވެ.

ކޮވިޑް-19އާ ދެކޮޅަށް ނިއުޒީލަންޑްއިން ހޯދަމުންދާ ކުރިއެރުންތަކާއެކު އެގައުމުން މިހާރު ދަނީ އާންމު ހާލަތަށް ރުޖޫއަށްވުމުގެ މަސައްކަތްތައްވެސް މަރުހަލާތަކަކަށް ބަހާލައިގެން ފަށާފައެވެ. ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާންވަނީ، ކޮވިޑް-19އާ ދެކޮޅަށް ފުރިހަމަ ކާމިޔާބީއެއް ލިބޭނީ، ނުފެނި ހުރި ވައިރަހުގެ ހުރިހާ ކޭހެއް ފެނުމުން ކަމަށް ވިދާޅުވެފައެވެ.