މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އެޅެން އޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ އިޖުތިމާއި ގައިދުރުކަމުގެ ތެރެއިން ކޮންމެ 2 މީހެއްގެ މެދުގައި އެންމެ މަދުވެގެން 6 ފޫޓުގެ ދުރުމިން ބެހެއްޓުން ކަމަށާ، އެއީ ބަލިޖެހިފައިވާ މީހަކު ވާހަކަ ދެއްކުން ފަދަ ކަމެއް ކުރުމުގެ ތެރެއިން ބޭރުވެގެންދާ ތިކިތަކުގައި ޖެހި، ދެވަނަ މީހާވެސް ވައިރަހަށް އިންފެކްޓްވުމުގެ ނުރައްކަލުން ދުރުކޮށްދިނުމަށް ފުރުސަތެއް އޮންނާތީކަމަށް އާންމު ސިއްހަތާ ބެހޭ އޮފިޝަލުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކަންމިހެން އޮތް ނަމަވެސް، ކަމާބެހޭ 3 ތަޖުރިބާކާރަކު މިހާރު ވިދާޅުވަނީ، 6 ފޫޓުގެ ދުރުމިނަކީވެސް އެންމެ އެކަށީގެންވާ ދުރުމިނެއް ނޫންކަމަށް އިންޒާރު ކުރައްވަމުންނެވެ. އަދި ކޮވިޑް-19އަކީ ވައިގެ ތެރެއިން ފެތުރިގެންދާ ވައިރަހެއްކަމާ މެދު، އަދަށްވުރެ "ސީރިއަސް" ކޮށް މުޅި ދުނިޔެއިންވެސް ވިސްނަންވެއްޖެ ކަމަށް އެ 3 ބޭފުޅުންވަނީ ގޮވާލައްވާފައެވެ.

އޮސްޓްރޭލިއާގައި ކޮވިޑް-19އާ ގުޅިގެން މާސްކު އަޅައިގެން އުޅޭ ބަޔަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މޯނިންގް ބުލެޓިން

ސައެންސްގެ އިލްމާ ބެހޭ ލިޔެކިއުންތައް ޝާއިއު ކުރަމުން އަންނަ ޖާނަލްއެއް ކަމަށްވާ "ސައެންސް" ގައި މި 3 ތަޖުރިބާކާރުން ވަނީ، އެސިމްޓޮމެޓިކް ނުވަތަ ބޭރުފުށުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ، އެހެން ނަމަވެސް ވައިރަސް ހިފައިގެން އުޅޭ މީހުން ހޯދުމަށްޓަކައި ފުޅާދާއިރާއެއްގައި، ގަވައިދުން ޓެސްޓު ކުރުންތައް ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ. ހަމަ މިއާއެކު މާސްކު އެޅުމަކީ ކުރުން ކޮންމެހެން ލާޒިމުކަމެއް ކަމުގައި ކަނޑައަޅާފައިވާ ހޮންގްކޮންގްއާއި ޓައިވާން ފަދަ ސަރަހައްދުތަކުގައި ބަލިމަޑުކަން ފެތުރިގެންދިއުން އިންތިހާއަށް ކޮންޓްރޯލް ވެފައިވާކަން ފާހަގަކުރައްވަމުން، މި 3 ތަޖުރިބާކާރުން ވަނީ، ބައެއް ހާލަތްތަކުގައި، ހަމައެކަނި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ދީފައިވާ ގައިޑްލައިންއިން ފަރުޖައްސަވާލެވެން ނޯންނާނެ ކަމަށްވެސް އިންޒާރު ކުރައްވާފައެވެ.

ޓައިވާންގެ ނޭޝަނަލް ސަން ޔެޓް-ސެން ޔުނިވާސިޓީގެ ޗިއާ ވޭންގްއާއި، އެމެރިކާގެ ސެން ޑިއޭގޯގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ކިމްބާލީ ޕްރޭތާ އަދި ޑރ ރޮބާޓް ޝްކޫލޭ، "ސައެންސް" ޖާނަލްގައި ވިދާޅުވެފައިވާ ގޮތުގައި، ކޮވިޑް-19 ޖައްސާ ވައިރަހަކީ، ބަލީގެ އަލާމާތްތައް ނުފެންނަ މީހެއްގެ ހަށިގަނޑުން ބޭރުވެ، ވައިގެ ތެރޭގައި ދައުރުވާ ތިކިތަކުގެ ތެރެއިން ހަނުހިމޭންކަމާއެކު ފެތުރި، އިތުރު މީހުން އިންފެކްޓް ކުރަމުންދާ ވައިރަހެއްކަން، ލިބިފައިވާ ހެކިތަކުން ސާބިތުވާކަމަށެވެ.

އިންޑިއާގެ އިމާރާތެއްގެ ސެކިއުރިޓީ ގާޑުންތަކެއް/ފޮޓޯ: ބީބީސީ

ބެދިފައިވާ އެތެރޭގެ މާހައުލްތަކަށް ބަލާއިރު ޑަބްލިއު.އެޗް.އޯއިން ކަނޑައަޅާފައިވާ 6 ފޫޓުގެ ދުރުމިނުން ފުއްދާލެވެން ނެތްކަމަށާ، މިފަދަ ތަންތަނުގެ ވެއްޓަށް ބަލާއިރު ވައިގެ ތެރޭގައި ދައުރުވާ ތިކިތަކުގެ ގޮތުގައި އެތައް ގަޑިއިރަކަށް ވައިރަސް ދިރިހުންނަ ކަމުގެ ހެކި ލިބިފައިވާކަމަށްވެސް މި 3 ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ. އަދި ވަގުތު ނަގާ ވަރަކަށް ވައިރަސްތައް ޖަމާވެ، 6 ފޫޓަށްވުރެ ދުރު ސަރަހައްދުތަކަށްވެސް ވައިރަސް ފަތުރަމުންދާކަން މި ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

ކެމިސްޓްރީއާއި ގައިންގަޔަށް އަރާ ބަލިތަކުގެ ރޮނގުން ހާއްސަވެވަޑައިގެންފައިވާ މި 3 ބޭފުޅުން ވިދާޅުވާ ގޮތުގައި، އިންފެކްޓްވެފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ވައިރަހުގެ ތިކިތައް ވައިގެ ތެރޭގައި ޖަމަވާ، އެތައް ގަޑިއިރެއް ވަންދެން ދިރިހުރެއެވެ. އަދި ދެވަނަ މީހެއްގެ ފުއްޕާމެއަށް އެ ވައިރަސްތައް ފަސޭހައިން ދަމަގަނެއެވެ. މިއާއެކު މާސްކު އެޅުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން މި 3 ތަޖުރިބާކާރުން ފާހަގަކުރައްވާފައެވެ.

ލުބްނާނުގައި ކާރު ދުއްވަން އިން މީހަކު އަތް ސެނިޓައިޒް ކުރަނީ/ފޮޓޯ: ސޯޝަލް ނިއުސް އެކްސްވައިޒީ

ކަންމިހެން އޮތްއިރު އެމެރިކާގެ ސެންޓާޒް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ވާހަކަ ކޮންމެވެސް ވަރަކަށް ތަފާތުވެއެވެ. ސީޑީސީގެ ދިރާސާ ހާއްސަކޮށްފައިވަނީ އިންފެކްޓްވެފައިވާ މީހަކު ކެއްސާ، ކިނބިހި އެޅުމުގެ ތެރޭގައި ބޭރުވާ ތިކިތައް ނުވަތަ ރެސްޕިރޭޓަރީ ޑްރޮޕްލެޓްސް އަށެވެ. މިފަދަ ތިކިތަކަކީ މާ ގިނައިރު ވައިގެ ތެރޭގައި ދިރިހުންނަ ތިކިތަކެއް ނޫން ނަމަވެސް، ކައިރި ހިސާބުތަކުގައި ތިބޭ މީހުންގެ އަނގަޔާ ނޭފަތުގައި އެ ތިކިތަށް ޖެހި، އެތެރެ ހައްޓަށް ގޮސްގެން އިންފެކްޓް ވެދާނެ ކަމަށް ސީޑީސީއިން ބުނެއެވެ.

ރެސްޕިރޭޓަރީ ޑްރޮޕްލެޓްސްއަކީ ނިސްބަތުން ބަރު އެއްޗެކެވެ. 3 ތަޖުރިބާކާރުން ފާހަގަކުރައްވާފައިވަނީ އޭރޯސޯލްސް ތިކިތަކެއްގެ ވާހަކައެވެ. އެރޯސޯލްސްއަކީ، ރެސްޕިރޭޓަރީ ޑްރޮޕްލެޓްސްއާއި ހިލާފަށް ގިނަ ވަގުތު ވައިގެ ތެރޭގައި ހަރުލާ ހުންނަ ތިކިތަކެކެވެ.

ކޮވިޑް-19 ޖައްސާ ވައިރަސް ފެތުރިގެންދާ ގޮތަށް މީހުން ހޭލުންތެރިކުރުވުމަށް ޖަޕާނުން ތައްޔާރުކުރި ވީޑިއޯގެ ސްކްރީންގްރޭބް/ފޮޓޯ: އެންއެޗްކޭ

ކޮންމެ ގޮތަކަށް ކަންއޮތް ނަމަވެސް އެންމެ ނުރައްކާ ބޮޑުވަނީ ބޭރު ފުށުން ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހުންގެ ހަށިގަނޑުގައިވެސް ވައިރަސް ދައުރުވެ، ދެވަނަ މީހަކު އިންފެކްޓް ކުރާތީއެވެ. މިކަންކަމަކީ އަދިވެސް އިތުރު ދިރާސާތައް ބޭނުންވާ ކަންކަމެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ، 'ނިއު-ނޯމަލް' ގެ ނަމުގައި އާންމު ދިރިއުޅުމަށް ރުޖޫއަށް ވުމުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ފަށާފައި ވީ ނަމަވެސް، ވައިރަހަކީ އެއަށްވުރެ ހަލުވި މިނެއްގައި ފެތުރިގެންދާ އެއްޗެއްކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ. އަދު ދުނިޔެ ދެކެމުން މިދަނީ ކޮވިޑް-19ގެ ފުރަތަމަ ރާޅަށް ވާއިރު، ޑަބްލިއުއެ.ޗް.އޯއިން މިހާރުވެސް ވަނީ 2 ވަނަ ރާޅެއްގެ އިންޒާރު ދީފައެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ!