ލޮކްޑައުނަށް ލުއިދޭ ދެވަނަ ފިޔަވަހީގައި ކެފޭތަކާއި ރެސްޓޯރަންޓްތަކުން ޓޭކްއަވޭ އަދި ޑެލިވަރީއަށް ހުޅުވާލެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖެއިން ކޮވިޑް ފެތުރުން މިހާރު 3.8 އިން 1.4 އަކަށް ދަށްކުރެވިފައިވާ ކަމަށެވެ. ކުރީގައި ކޮންޓެކްޓްވާ މީހުންގެ އަދަދު 33 އަށް އަރާފައިވާ އިރު މީހަކު ކޮންޓެކްޓްވާ މީހުންގެ އަދަދު 6 މީހުންނަށް ދަށްވެފައި ވާކަމަށެވެ.

އެހެންކަމުން ލޮކްޑައުންއިން އަރައިގަތުމަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތުން ދެ ފިޔަވައްސަކަށް ބަހާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ފުރަތަމަ ފިޔަވައްސަކީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ދެހަފްތާ ކަަމަށާއި ތިންވަނަ ހަފްތާއިން ފެށިގެން ދެވަނަ ފިޔަވަހި ގުނަން ފަށާނެ ކަމަށް އަމީން ވިދާޅުވިއެވެ.

ލޮކްޑައުނަށް ލުއިތަކެ ދިނުމުގެ ގޮތުން ރެސްޓޯރަން ކެފޭތަކަށް ބަލާއިރު ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނޭ ދެހަފްތާގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް ހުޅުވާލެވޭނެ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ދެވަނަ ފިޔަވަހި ފެށުމުން (ތިންވަނަ ހަފްތާއިން ފެށިގެން) ކެފޭ އަދި ރެސްޓޯރަންޓްތަކުން ޓޭކް އަވޭ އަދި ޑެލިވަރީއަށް ހުޅުވޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތައް ބިނާކޮށްފައި ވަނީ މީހުންނަށް ނުކުމެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ތެރެއިން އިގްތިސޯދީ ހަރަކާތްތަކަށް ފުރުސަތު ދިނުމާއި އަދި ވިޔަފާރިކުރުމަށް ދެވޭ ޖާގަ ދިނުމަށާއި ހާއްސަކޮށް މާލެ ސަރަހައްދުގައި ދަތުރުފަތުރުކުރުމަށް ދެވޭނެ ލުއި ދިނުމަށާއި އަދި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް އޮތް ޖާގައިގެ މައްޗަށް ކަމަށް އަމީން ވިދާޅުވިއެވެ.

މާދަމާ އިން ފެށިގެން ދެވޭ ލުއިތައް

  • ކަމާ ބެހޭ ފަރާތްތަކުގެ ހުއްދައާ އެކު ގޭބިސީތަކުން ނުކުމެވޭ އަދަދު އިތުރު ކުރެވި، އަދި ބޭރުގައި ހޭދަކުރެވޭ ވަގުތު އިތުރު ކުރެވޭނެ.
  • ބޭރަށް ނުކުމެ އުޅޭއިރު، ބޭރުގައި އުޅޭނެ ޒޯނުތައް އިތުރު ކުރެވިގެންދާނެ.
  • ސުޕަމާކެޓް، ބޭކަރީ، ކަންމަތީ ފިހާރަ، ފާމަސީ، ބުކްޝޮޕް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް، އަދި ހާޑްވެއާ ފިހާރަތައް ހުޅުވޭނެ. މޮބައިލް ފޯނު ފިހާރަ، އިލެކްޓޯނިކް ފިހާރަ، ފޮތި ފިހާރަ، ކުޅިވަރު ސާމާނު ފިހާރަ، ކޮސްމެޓިކްސް އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފަރާތްތަކަށް އޮންލައިންކޮށް ޑެލިވާކުރުމަށް ފުރުސަތު ހުޅުވޭނެ.
  • ޑެލިވަރީ ސާވިސް، އޮޓޯ މޮބައިލް، އިލެކްޓްރޯނިކްސް ރިޕެއާ، ވޯކްޝޮޕް ޚިދުމަތް، ހުޅުވާނެ.
  • މަސްމާރުކޭޓުވެސް މާދަމާ އިން ފެށިގެން ހުޅުވޭނެ.
  • ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް، އަދި ދެވަނަ ހަފްތާއިން ފެށިގެން ފަސް ދުވަހަށް ބޭންކުގެ ޚިދުމަތް ހުޅުވޭނެ
  • ފުރަތަމަ ހަފްތާގައި ރެސްޓޯރަންޓު އަދި ކެފޭތަކުން ދެވޭނީ ޑެލިވަރީގެ ޚިދުމަތް. އަދި ދެވަނަ ހަފްތާ އިން ފެށިގެން ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތް ދެވޭނެ.
  • ފްލޫ ކްލިނިކަށް ގޮސްގެން ޚިދުމަތް ހޯދުމުގެ ހުއްދަ ދެވޭނެ
  • ފުރަތަމަ ފިޔަވަހީގައި ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައެއް ނެތް. އެހެންނަމަވެސް ހުއްދަ ލިބޭ ވަރަކަށް އެ އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިގެންދާނެ.
  • އިކޮނޮމިކް މިނިސްޓްރީގެ ހުއްދައާ އެކު އަމިއްލަ އޮފީސްތަކަށް ޚިދުމަތްދެވޭނެ ގޮތްތައް އިއުލާން ކުރެވިގެންދާނެ

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި މީހުން އެއްވެ އުޅުން މަދުކުރުމުގެ ގޮތުން ކެފޭ ރެސްޓޯރަންޓުތައް ބަންދުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ އޭޕްރީލް 15 ވަަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ހަމައަށް ކެފޭ ތަކުން ޑެލިވަރީ ކޮށް އާންމުންނަށް ޓޭކްއަވޭ ހިދުމަތް ދެވޭ ގޮތަށް އޭރު ވަނީ ހަމަޖައްސާފައެވެ.