ލުއި ދިނަސް، އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭނެ ކަމަށް މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ލޮކްޑައުންއަށް ލުއި ދިނުމަށް ނިންމާ އެކަން އިއުލާން ކުރެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ލުއި ދިނަސް، އެއް ރަށުން އަނެއް ރަށައް ދަތުރު ކުރުމުގައި މިހާރު އެޅިފައިވާ ފިޔަވަޅުތައް ދެމިގެން ދާނެ ކަމަށެވެ.

އެއްރަށުން އަނެއް ރަށަށް ދަތުރު ކުރިން މަނާކޮށްފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި އަޅާފައިވާ ފިޔަވަޅެއްގެ ގޮތުންނެވެ. މި ނިންމުމް ނިންމީ މާލެ ސަރަހައްދުން ބަލި ފެނި، ލޮކްޑައުން ކުރުމާ އެކުއެވެ. ނަމަވެސް، އޭގެ ކުރިން މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އެއް ރިސޯޓުން އަނެއް ރިސޯޓަށް އަދި ރިސޯޓްތަކުން ރަށްތަކަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

ލޮކްޑައުންއާ ގުޅިގެން އެތައް ބަޔަކު މާލެއިން ރަށަށް ނުދެވި ތާށިވެފައި ވާއިރު ރަށުން މާލެ ނާދެވި ވެސް އެތައް ބަޔަކު ވަނީ ތާށިވެފައެވެ. ނަމަވެސް ހާއްސަ ހުއްދަ ތަކާއި، އުސޫލުތަކެއްގެ ދަށުން އަދި ކަރަންޓީނު ކުރުމަށް ފަހު މީހުން ރަށްރަށަށް އަދި މާލެއަށް ގެނައުމުގެ ކަންކަން މިހާރު ދަނީ ކުރަމުންނެވެ.