ރާއްޖޭގައި ކޮވިޑް ފެތުރުން ދަށް ކުރެވި، ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދޭން ނިންމާފައި ވީ ނަމަވެސް ސަރުކާރު އޮފީސްތައް ހުޅުވަން އަދި ނިންމާފައި ނުވާކަމަށް ހެލްތް މިނިސްތތަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިރޭ އެންއޯސީގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިހާރު ރާއްޖޭގައި ކޮވިޑް ޖެހޭ މީހުން 3.8 ކުން 1.4 އަކަށް ދަށްކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ލޮކްޑައުންގެ ހާލަތުގައި ލުއިތަކެއް ދިނުމަށް 14 ދުވަސް ދޭން ނިންމާފައިވާ ކަަމަށާއި އެ 14 ދުވަހުގެ ތެރޭގައި ސަރުކާރުގެ އޮފީސްތައް ހުޅުވަން ނިންމާފައި ނުވާ ކަމަށެވެ.

ލޮކްޑައުން އުވާލާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފުތާގައި ގިނަ ކަންތައްތަކަކަށް ލުއި ދިނުމަށް ނިންމި ނަމަވެސް ސަރުކާރުގެ އޮފީސްތަކާއި، ސުކޫލަތައް ހުޅުވުމަށް ހަމަޖެހިފައި ނުވާ ކަމަށް އަމީން ވިދާޅުވިއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ހުރި މިސްކިތްތައްވެސް ހުޅުވަން ހަމަޖެހިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާކްތަކާއި އެއްވެ އުޅޭ ތަންތަން ވެސް ހުޅުވާލަން ހަމަޖެހިފައި ނުވެއެވެ.

ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުންވެސް ހުއްޓުވާފައި އޮތް ގޮތަށް ކުރިއަށް އޮތް ދެ ހަފްތާގައި ހަމަޖެހިފައިވާ އިރު އެ ދުވަސްތަކުގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ދެވަނަ ފިޔަވަހީގައި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޓޭކްއަވޭއާއި ޑެލިވަރީ ހަމޖެހުމަށް ހުއްދަދެވޭނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެއްވެ އުޅުން ހުއްޓުވައި ސްކޫލަތަކާއި ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ވަނީ މިދިޔަ މާޗްމަހުގެ މެދުތެރޭގައެވެ.