ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ދަށްކުރެވިފައި ވާތީ ލޮކްޑައުންގައި އޮތް ހާލަތުގައި ލުއިދިނުމަށް ސަރުކާރުން ނިންމި ނިންމުމުގެ ތެރެއިން ގެއިން ބޭރަށް ނުކުތުމުގެ ހާލަތަށް ލުއިތަކެއް ދޭން ނިންމާފައި ވާކަމަށް ހެލްތް މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މާދަމާއިން ފެށިގެން ދެވޭ ލުއިތަކުގެ ތެރެގާއި ފުލުހުން ނުވަތަ ކަމާބެހޭ ފަރާތްތަކުން ދެވޭ ހުއްދައާ އެކީގައި ގޭބިސީއަކުން ނުކުމެވޭ މީހުންގެ އަދަދު އިތުރު ކުރެވި އަދި ބޭރުގައި ހޭދަކުރެވޭ ވަގުތު އިތުރު ކުރެވޭނެކަމަށެވެ. އަދި ބޭރަށް ނުކުމެ އުޅޭ އިރު ބޭރަށް ނުކުމެ އުޅެވޭނެ ޒޯންތައްވެސް އިތުރު ކުރެވިގެން ދާނެ ކަމަށް އަމީން ވިދާޅުވިއެވެ.
ލޮކްޑައުންގެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ލޮކްޑައުނަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާ އިރު ކުރިއަށް އޮތް ދެ ހަފްތާއަކީ ފުރަތަމަ ފިޔަވަހީގެ ގޮތުގައި ގުނާ ދުވަސްތައް ކަމަށް އަމީން ވިދާޅުވިއެވެ. އަދި ފުރަތަމަ ފިޔަވަހީގައި ކޮންމެ ގޭބިސީއަކުން ތިން މީހަކަށް ދެގަޑިއިރަށް ހަފްތާއަކު ދެ ދުވަހު ބޭރަށް ނުކުތުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
އެގޮތުން ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތައް ބިނާކޮށްފައި ވަނީ މީހުންނަށް ނުކުމެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ތެރެއިން އިގްތިސޯދީ ހަރަކާތްތަކަށް ފުރުސަތު ދިނުމާއި އަދި ވިޔަފާރިކުރުމަށް ދެވޭ ޖާގަ ދިނުމަށާއި ހާއްސަކޮށް މާލެ ސަރަހައްދުގައި ދަތުރުފަތުރުކުރުމަށް ދެވޭނެ ލުއި ދިނުމަށާއި އަދި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް އޮތް ޖާގައިގެ މައްޗަށް ކަމަށް އަމީން ވިދާޅުވިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ، ލޮކްޑައުންގެ ހާލަތުން އަރައިގަތުމަށް ހަމައެކަނި މާސްކަ އަޅައިގެން ބޭރަށް ދިއުަމކުން ނުފުދޭނެ ކަމަށެވެ. ބަލިން ރައްކާތެރިވުމުގައި ތިން ކަމެއް އެކީގައި ކުރުމަކީ މުހިއްމު ކަމެއް ކަމަށް ފާހަގަކުރައްވާ ޑރ. ލަތީފް ވަނީ އެކަންކަމަށް އަލި އަޅުވާލައްވާފައެވެ. ފުތަމަ ކަމެއްގެ ގޮތުން ސޯޝަލް ޑިސްޓެންސިން ދެމެހެއްޓުމަށް ސަމާލަުކަން ދިނުމަށާއި ގިނަގިނައިން ރީތިކޮށް އަތް ދޮވުމާއި އަދި މާސްކް އެޅުން މުހިއްމު ކަމަށް އޭނާ ވިދާޅުވއިެވެ.
ރާއްޖެއިން މިހާރު މޮ ބަލި ޖެހޭ މީހުން ފެންނަ އަދަދު ދަށްވެފައިވާ ކަމަށާއި ކޮންޓެކްޓުންގެ ގޮތުގައި ފެންނަ މީހުންގެ އަދު ދަށްވެފައިވާ ކަމަށް މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ފާހަގަ ކުރެއްވިއެވެ. އެގޮތުން ބަލި ޖެހޭ މީހުން 3.8 އިން 1.4 އަށް ދަށްވެފައިވާ ކަމަށާއި ކޮންޓްކްޓްވާ މީހުންގެ އަދަދު 33 އިން 6 މީހުންނަށް ދަށްވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މާދަމާ އިން ފެށިގެން ދެވޭ ލުއިތައް
- ކަމާ ބެހޭ ފަރާތްތަކުގެ ހުއްދައާ އެކު ގޭބިސީތަކުން ނުކުމެވޭ އަދަދު އިތުރު ކުރެވި، އަދި ބޭރުގައި ހޭދަކުރެވޭ ވަގުތު އިތުރު ކުރެވޭނެ.
- ބޭރަށް ނުކުމެ އުޅޭއިރު، ބޭރުގައި އުޅޭނެ ޒޯނުތައް އިތުރު ކުރެވިގެންދާނެ.
- ސުޕަމާކެޓް، ބޭކަރީ، ކަންމަތީ ފިހާރަ، ފާމަސީ، ބުކްޝޮޕް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް، އަދި ހާޑްވެއާ ފިހާރަތައް ހުޅުވޭނެ. މޮބައިލް ފޯނު ފިހާރަ، އިލެކްޓޯނިކް ފިހާރަ، ފޮތި ފިހާރަ، ކުޅިވަރު ސާމާނު ފިހާރަ، ކޮސްމެޓިކްސް އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފަރާތްތަކަށް އޮންލައިންކޮށް ޑެލިވާކުރުމަށް ފުރުސަތު ހުޅުވޭނެ.
- ޑެލިވަރީ ސާވިސް، އޮޓޯ މޮބައިލް، އިލެކްޓްރޯނިކްސް ރިޕެއާ، ވޯކްޝޮޕް ޚިދުމަތް، ހުޅުވާނެ.
- މަސްމާރުކޭޓުވެސް މާދަމާ އިން ފެށިގެން ހުޅުވޭނެ.
- ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް، އަދި ދެވަނަ ހަފްތާއިން ފެށިގެން ފަސް ދުވަހަށް ބޭންކުގެ ޚިދުމަތް ހުޅުވޭނެ
- ފުރަތަމަ ހަފްތާގައި ރެސްޓޯރަންޓު އަދި ކެފޭތަކުން ދެވޭނީ ޑެލިވަރީގެ ޚިދުމަތް. އަދި ދެވަނަ ހަފްތާ އިން ފެށިގެން ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތް ދެވޭނެ.
- ފްލޫ ކްލިނިކަށް ގޮސްގެން ޚިދުމަތް ހޯދުމުގެ ހުއްދަ ދެވޭނެ
- ފުރަތަމަ ފިޔަވަހީގައި ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައެއް ނެތް. އެހެންނަމަވެސް ހުއްދަ ލިބޭ ވަރަކަށް އެ އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިގެންދާނެ.
- އިކޮނޮމިކް މިނިސްޓްރީގެ ހުއްދައާ އެކު އަމިއްލަ އޮފީސްތަކަށް ޚިދުމަތްދެވޭނެ ގޮތްތައް އިއުލާން ކުރެވިގެންދާނެ
މާލެ ލޮކްޑައުން ކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. ލޮކްޑައުން ކުރުމަށްފަހު ބާޒާރުކޮށް ޒަރޫރީ ކަންކަމުގައި ނުކުމެ އުޅުމަށް ދީފައިވާ ފުރުސަތުގައި ކޮންމެ ގޭބިސީއަކުން އެކަކަށް އެއް ގަޑިއިރަށް ނުކުމެވޭ ގޮތަށެވެ. ފުރަތަމަ ހަފްތާއަކު ދެ ދުވަހު މި ހުއްދަ ދީފައިވީ ނަމަވެސް ފަހުން ވަނީ ހަފްތާއަކު އެއް ދުވަހަށް މި ހުއްދަ ދިނުން ބަދަލު ކޮށްފައެވެ. ހުއްދައާއެކު މަގުމައްޗަށް ނުކުމުގެ ފުރުސަތު ހުޅުވާލާފައި އޮތް ނަމަވެސް މާލޭގެ މަގުތަކަށް ހުއްދަ ނެތި ނުކުންނަ މީހުން މަދެއް ނުޏެވެ. ކޮންމެ ދުވަހަކުވެސް 100 އަށް ވުރެ ގިނަ މީހުން ލޮކްޑައުންގެ މި އަމުރާ ހިލާފްވެފައިވާ ކަނަް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަައެވެ.