ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ދަށްވެފައި ވާތީ ލޮކްޑައުނަށް ލުއި ދިނުމަށް ނިންމާފައި ވާ ފުރަތަމަ ފިޔަވަހީގެ ތެރޭގައި މާލެ ސަރަހައްދުގައި ހުރި މިސްކިތްތައް ބަންދުވާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ލޮކްޑައުން އުވާލާނީ ފިޔަވަހިތަކަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފުތާގައި ގިނަ ކަންތައްތަކަކަށް ލުއި ދިނުމަށް ނިންމި ނަމަވެސް މިސްކިތްތައް ހުޅުވަން ހަމަޖެހިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި، ސުކޫލަތައް ހުޅުވުމަށް ހަމަޖެހިފައި ނުވާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ޕާކްތަކާއި އެއްވެ އުޅޭ ތަންތަން ވެސް ހުޅުވާލަން ހަމަޖެހިފައި ނުވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެނެވެ. އެއީ ރައްކާތެރިކަމަށްޓަކައި އެޅި ފުރަތަމަ ބޮޑު ފިޔަވަޅެވެ. އޭގެ ފަހުން މާލެ ސިޓީ، އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ލޮކްޑައުން ކުރުމާއި ގުޅިގެން މިސްކިތްތައް ވަނީ ބަންދު ކޮށްފައެވެ. އޭގެ ފަހުން އޭޕްރީލް މަހުގެ 19 ވަނަ ދުވަހު މުޅި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާ، މިސްކިތްތައް ވަނީ ބަންދު ކޮށްފައެވެ.

ނަމަވެސް ރޯދަ މަސް ނިމެން ދެތިން ދުވަހަށްވެފައި ވަނިކޮށް މިސްކިތްތައް ހުޅުވުމުގެ ހުއްދަ މާލެ ސިޓީއާއި ހަތް ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ވަނީ ދީފައެވެ. އެއީ މާލެ ސިޓީއާއި، ށ. ނަރުދޫއާއި، ނ. މަނަދޫއާއި، ކ. ހިންމަފުށީގެ އިތުރުން ކ. ތުލުސްދޫ އާއި ހއ. ތަކަންދޫ އަދި ށ. މިލަންދޫއެވެ.