އިތުރު 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ރޭގެ ޕްރެސް އިން ފެށިގެން މިރޭގެ ޕްރެސްއާ ދެމެދު ޖުމްލަ 43 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށް އެންއީއޯސީން ބުނެއެވެ. މިއަދު މެންދުރުން ފެށިގެން އިތުރު 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއެކު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1481 އަށް އަރާފައެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް 1481 ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި 1232 ކޭސް އެބަ އުޅެއެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 242 މީހަކު ރަނގަޅުވެފައިވާއިރު، މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 5 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެކެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް މިރޭ ވަނީ ލޮކްޑައުން އަށް ލުއިތަކެއް ދިނުމަށް ނިންމާފައެވެ.