ނިއު ނޯމަލްގައި އާންމުންނަށް މަސައްކަތް ކުރެވޭ ގޮތެއް ހަދައި ދިނުމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ގޮވާލައްވައިފިއެވެ.

އޭނާ މިފަދައިން ގޮވާލެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އާޒިމާ ވިދާޅުވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާއެކު މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާއިން "ނިއު ނޯމަލް" ގައި ކަން ކުރަންވާ ގޮތުގެ ތަސްވީރެއް ލިބިވަޑައިގަން ކަމަށެވެ. އަދި ނިއު ނޯމަލްގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ފެނިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، 6 ހަފްތާގެ ލޮކްޑައުންއެއް ނިމުމަކަށް ގެންނަ އިރު، ގައުމު ހުޅުވާލަނީ ކިހާވަރަކަށް ކަން އެނގުން މުހިންމު ކަމަށެވެ. އަދި ސަރުކާރުގެ ވަޒީފާގައި ތިއްބެވި ފަރާތްތަކަށް ފައިސާގެ ދަތިކަން ދިމާނުވެދާނެ ކަމަށާއި، ނަމަވެސް އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ ވިޔަފާރި ބަންދުކުރަން މަޖުބޫރު ވެފައިވާ ހާލަތުގައި ކުލި ދެއްކުމާއި، މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ވިޔަފާރި ކުރުމަށް ހުޅުވާލެވެން ނެތި އަދި އާންމުންނަށް މަސައްކަތް ކުރެވޭނެ ގޮތެއް ހަދައި ދެވެން ނެތް ނަމަ، އެއްވެސް ޝަރުތަކާ ނުލާ އެންމެނަށް ރިލީފް ޕެކޭޖުތައް ނުވަތަ ފައިސާގެ އެހީތެރިކަން ދިނުމަށް އާޒިމާ ގޮވާލެއްވިއެވެ.

އާޒިމާ ވިދާޅުވީ، މިހާރު އިއުލާން ކޮށްފައިވާ ޕެކޭޖުތަކުގައި ވިޔަފާރީގެ ރަޖިސްޓްރީ ފަދަ ތަކެތި ދެއްކުމާއި ގިނަ ޝަރުތުތަކެއް އެކުލެވޭ ކަމަށެވެ. ނަމަވެސް ދަނޑުވެރިކަން ކުރާ ފަރާތެއްގެ އަތުގައި ރަޖިސްްޓްރީ ނޯންނާނެކަން ފާހަގަ ކުރައްވާ އޭނާ ވަނީ މިފަދަ ޝަރުތުތަކާ ހެދި އަމިއްލަ ގިނަ ވިޔަފާރިތަކަށް ރިލީފް ޕެކޭޖުގެ ޝަރުތު ހަމަ ނުވާ ކަމަށެވެ.

މީގެ އިތުރުން އާޒިމާ ވިދާޅުވީ، އޭނާ ވަކާލާތު ކުރައްވަނީ ކޮވިޑް-19ގެ ކުރިން ދިރިއުޅުނު ގޮތަށް އަނބުރާ ދިއުމަށް ނޫން ކަމަށާއި، އޭނާ ވަކާލާތު ކުރައްވަނީ ނިއު ނޯމަލްގެ ދަށުން މީހުންނަށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ސިއްހީ މާހިރުންގެ ލަފައާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އަމިއްލަ އަށް މަސައްކަތްކޮށް އާއިލާއަށް ކާން ދެވޭނެ ގޮތެއް ހަދައި ދެވެން ނެތް ނަމަ އާންމު ފަރާތްތަކަށް އެއްވެސް ޝަރުތަކާ ނުލާ އަމިއްލަ ފައި މައްޗަށް ތެދުވުމަށް ފައިސާގެ އެހީތެރިކަން ދިނުމަށް ކަމަށެވެ.

އާޒިމާ މިހާރު ވަނީ ލީގަލް ޕްރެކްޓިސް ހުއްޓާލައްވައި އަމިއްލަ ވިޔަފާރިއެއް ކުރައްވަމުންނެވެ. ދިވެހި ކެއުމަށް ހާއްސަކޮށްގެން "އާމިނާދީސް" ގެ ނަމުގައި އޭނާ ވިޔަފާރިއެއް ފެއްޓެވިތާ އަދި 6 މަސް ވެސް ނުވާނެއެވެ.