މިމަހުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 109 މިލިއަން ރުފިޔާ ކަމަށް މޯލްޑިވްސް އިންލނަްޑް ރެވެނިއު އޮތޯރިޓީ (މީރާ) ހާމަކޮށްފިއެވެ.
މިއަދު ދަރުބާރުގޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ މި މެއި މަހުގެ 17 ވަނަ ދުވަހާ ހަމައަށް މީރާ އަށް އާމްދަނީގެ ގޮތުގައި ލިބުނީ 109 މިލިއަން ރުފިޔާ ކަމަށެވެ.
ކޮވިޑް -19 އާއި ގުޅިގެން އިގްތިސޯދަށް ކުރަމުން ދާ އަސަރުތަކާއެކު މީރާ އަށް ލިބޭ އާމްދަނީ އާ ގުޅޭ ފަސް ސިނާރިއޯ އެއް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އާއި އެހެނިހެން އިދާރާތަކާ ހިއްސާ ކޮށްފައިވާނެ ކަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު އެންމެ ބޮޑަށް ބެލެވެނީ ސިނާރިއޯ ތިނެއް ކަމަށް ފަތުހުﷲ ވިދާޅުވިއެވެ. އެގޮތުން މި ސިނާރިއޯގައި މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 8.95 ބިލިއަން ރުފިޔާ ކަމަށެވެ.
ނަމަވެސް މިއަހަރުގެ ބަޖެޓް ފާސްކުރި އިރު އަހަރުގެ ތެރޭ 17.2 ބިލިއަން ރުފިޔާ ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވާއިރު މިއީ ފަތުރުވެރިކަމަށް އައި ހީނަރު ކަމާއެކު މިއަހަރުގެ މިހާތަނަށް މީރާ އަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެފައިވާ އަދަދެއް ކަމަށް ފަތުހުﷲ ވިދާޅުވިއެވެ. އެގޮތުން ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، ކޮވިޑްގެ ސަބަބުން އޭޕްރީލް މަހު ލިބުނު އާމްދަނީ ވަނީ 527 މިލިއަން ރުފިޔާ އަށް ވެއްޓިފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. އަދި މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް19 ފެނުމުން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. ނަމަވެސް ސަރުކާރުން ތައްޔާރުވަމުން އަންނަނީ ނިއު ނޯމަލްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ޖުލައި މަހުން ފެށިގެން ޓޫރިޒަމަށް ހުޅުވާލެވޭނެ ކަމަށެވެ.