އިންސްޓޯލްމަންޓަށް ފައިސާ ދެއްކުން ޖޫން މަހާ ހަމައަށް ފަސްކޮށްފިއެވެ.

މިއަދު ދަރުބާރުގޭގައި މީރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ވިޔަފާރި ތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާތީ، އިންސްޓޯލްމަންޓް ޕްލޭންގެ ތެރެއިން ފައިސާ ދެއްކޭނެ އުސޫލުތަކެއް ވަނީ ހަމަޖައްސާފައި ކަމަށެވެ.

އެގޮތުން މީރާ އަށް ދައްކަންޖެހޭ އިންސްޓޯލްމަންޓަށް ފައިސާ ދެއްކުން ޖޫން މަހާއި ހަމައަށް ފަސްކޮށްފައިވާ ކަމަށާއި މިހާތަނަށް 74 ފަރާތަކަށް އިންސްޓޯލްމަންޓް އެއްބަސްވުންތައް ހަދާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓްމަންޓް ޕޭމަންޓުގެ އާއްމުކޮށް ދައްކަން ޖެހޭ ވަރަށް ވުރެ ކުޑަ އަދަދެއް ދެއްކޭނެ ގޮތް ހަދާފައި ކަމަށާއި ބަހާލެވޭ މުއްދަތު ވެސް ވާނީ އިތުރު ކޮށްދީފައި ކަން އޭނާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ޕޯސްޓް ޑޭޓެޑް ޗެކެއް ހުށަހަޅަން ނުޖެހޭ ގޮތަށްވެސް ވާނީ ހަމަޖައްސާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮމިޓްމަންޓް ޕޭމަންޓުގެ އާއްމުކޮށް ދައްކަން ޖެހޭ ވަރަށް ވުރެ ކުޑަ އަދަދެއް ދެއްކޭނެ ގޮތް ވާނީ ހަދާފަ. ބަހާލެވޭ މުއްދަތު ވެސް ވާނީ އިތުރު ކޮށްދީފައި. މީގެ އިތުރުން ޕޯސްޓް ޑޭޓެޑް ޗެކެއް ހުށަހަޅަން ނުޖެހޭ ގޮތަށް ވާނީ ހަމަޖައްސާފައި"
ފަތުހުﷲ

މިކަމާ ގުޅިގެން މީރާގެ ޑެޕިއުޓީ ސީޖީ އަހުމަދު ޝަރީފު ވިދާޅުވީ އިންސްޓޯލްމަންޓް ޕްލޭންއަށް ގެނައި، ބަދަލާއެކު ކުދި ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހަމަޖައްސާ ދިނުމުގެ ގޮތުން އިންސްޓޯލްމަންޓް ޕްލޭން އަށް ވަނުމުގެ ޕަސެންޓޭޖް ވާނީ 15 ޕަސެންޓާ ހަމައަށް ކުޑަކޮށްފައި ވާނެ ކަމަށެވެ.