އިތުރު 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ޕިޒިޓިވް ވެފައި ވަނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހަކާއި އިންޑިއާ އަދި ނޭޕާލުން، ކޮންމެ ގައުމުން މީހަކު ކަމަށެވެ.

މި އަދަދާއި އެކު ޖުމްލަ 1457 މީހުން ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 750 މީހުން ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރެއިން ދެ މީހަކު މަރުވެފައެއެވެ.

ދިވެހިންގެ އަދަދުވެސް ވަނީ 500 އިން މައްޗަށް އަރާފައެވެ. ޖުމްލަ 511 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އިންޑިއާގެ 146 އަދި ލަންކާގެ ނުވަ މީހަކު ވަނީ ޕޮޒޓިވް ވެފައެވެ.

ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާއިރު މިހާރު ވަނީ ޖުމްލަ 232 މީހުންނަށް އިތުރުވެފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.