މި އަހަރު މިހާތަނަށް 571 މިީހަކަށް ޖޫރިމަނާ މައާފު ކޮށްދީފާއިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

ދަރުބާރުގޭގައި މީރާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ ޖޫރިމަނާ ދެއްކުމަށް އެ އޮތޯރިޓީން ކަނޑައަޅާފައި ވާ އޮނިގަނޑުގެ ތެރެއަށް ފެތޭ 571 ފަރާތެއްގެ ޖޫރިމަނާ މިހާތަނަށް މައާފު ކޮށް ދީފައިވާ ކަމަށެވެ.

ލޮކްޑައުންގެ މުއްދަތުގައި 182 ޓެކްސް ކްލިއަރެންސް އެޕްލިކޭޝަން ލިބި، 177 މައްސަލަ އެޖެންޑާ ކުރެވިފައިވާ ކަމަށްވެސް ފަތުހުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ގިނަ ފަރާތްތަކަށް ލުއި ދިނުމަށް ދަނީ މަސައްކަތްތައް ކުރެވެމުން ކަމަށާއި މައާފު ކޮށްދޭއިރު ބަލާ ކަންތައްތަކެއް ހުންނާނެކަމަށެވެ.

އެގޮތުން ހުރިހާ ޓެކްސްތަކާ ގުޅޭ ޖޫރިމަނާ ވެސް މައާފު ކޮށް ދޭނެ ކަމަށާއި ބަޔާން ހުށަހެޅުމާ ގުޅޭ ކަންކަމާއި، ޖޫރިމަނާ އާއި ޖީއެސްޓީ އަދި ބީޕީޓީގެ ޖޫރިމަނާ ވެސް މައާފު ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.