ކޮވިޑް-19އާ ގުޅީގެން ލަސްވެފައިވާ އިންތިހާބުގެ މައްސަލައިގައި، މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން، ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ޖެހިފައިިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުން ފާސްކުރައްވައިފި ނަމަ ގާނޫނީ ލަފައެއް ހޯދިދާނެ ކަމަށެވެ.

ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީ އަށް ސަރުކާރުން އިސްލާހު ހުށަހެޅި ގޮތަށް ފާސްކޮށްފި ނަމަ ގާނޫނުއަސާސީގައި ކައުންސިލަރުންގެ ދައުރު ބަޔާންކުރާ އެހެން މާއްދާއަކާ ފުށުއަރާ ކަމަށާއި އެހެންވެ މިހާރު އޮތް އިސްލާހުން ދައުރު ދިގު ދެންމޭނެކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ގާނޫނުގައި އަޅުގަނޑަށް ލަފާ ލިބޭގޮތުގައި އެބަ ބަޔާންކުރޭ އެ މަގުން ހިނގައިގެން އަޅުގަނޑުމެންނަށް ވަގުތީ ހައްލެއް ހޯދިދާނެ ކަމަށް
ނަޝީދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެކުރިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި ފައެވެ. ނަމަވެސް އިންތިހާބު ފަސްކުރުމުން ދެން ދިމާވާ ކަންކަމަށް ފަރުވާ ހޯދޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެއީ ކޯޓަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް މަޖިލީހުން ހައްލު ހޯދައިދެއްވާނެ ކަމަށް ނަޝީދު ވިދާޅުވުމުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ ވަނީ ނަގައިފައެވެ.