ރަމަޟާން މަހުގެ އަޅުކަމަށްފަހު މުސްލިމުންނާ ބައްދަލުކުރި ފިތުރު އީދު މުނާސަބާ ޕާކިސްތާނުގެ ގިނަ ރައްޔިތުންތަކަކާ ބައްދަލުކުރީ ކަޅުވިލާގަނޑެއްގެ ތެރެއިންނެވެ. ލާހޯރުން ފުރައިގެން ކަރާޗީއަށް ދަތުރު ކުރަމުން ދިޔަ ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީކޭ-8303 ވެއްޓި، 97 މީހެއްގެ ފުރާނަ ގެއްލުނު ހާދިސާއާއި ގުޅިގެން ސޯޝަލް މީޑިއާ ފީޑުގައިވެސް މުޅިންހެން ދައުރުވީ ތައުޒިޔާގެ މެސެޖުތަކެވެ.

އެއީ ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެކެވެ. ޖިނާހް އިންޓަނޭޝަން އެއާޕޯޓް ކައިރީގައި އާންމު ރައްޔިތުން ވަޒަންވެރިވެގެން އުޅެމުން ދިޔަ ސަރަހައްދަށް ޕީކޭ-8303 ވެއްޓުނު ހާދިސާއިން ސަލާމަތް ވީ އެންމެ 2 ފަސެންޖަރުންނެވެ. މަރުވި މީހުންގެ ތެރޭގައި މުޅިންވެސް ހިމެނުނީ ބޯޓުން ދަތުރުކުރި މީހުންނެވެ. ގެތަކުގައި ތިބި މީހުންގެ ތެރެއިން މީހަކު މަރުވިކަމަށް އަދި ރިޕޯޓެއް ލިބިފައެއް ނެތެވެ. ބޯޓުގެ ޑޭޓާ ރެކޯޑަރު (އެފްޑީއާރް) ފެނިއްޖެއެވެ. ކަމާބެހޭ ފަރާތްތަކުން ތަހުގީގުވެސް ފަށައިފިއެވެ. ނަމަވެސް ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދިވެސް ނުހޯދެއެވެ.

https://www.youtube.com/watch?v=66DUJH_tbic

މި ކާރިސާއަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑިކަމާއެކު ޕާކިސްތާނުގައި ރިހެމުން ދިޔަ ފައި މައްޗަށް ފޮޔަކަށް ވެއްޖެވެ. އެހެން ކޮންމެ ކަމެކޭވެސް އެއްފަދައިން ބޯޓު ވެއްޓުނު ހާދިސާވެސް ޕާކިސްތާނުގައި ވީ ސިޔާސީއެވެ.

ވެއްޓުނީ ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ފްލީޓުގެ ބޯޓެކެވެ. މި އެއާލައިން އިނދަޖެހެމުން އަންނަތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ. އެއާލައިންގެ ގެއްލުން (ލައެބިލިޓީޒް) އުޅެނީ ގާތްގަނޑަކަށް 2.48 ބިލިއަން ޑޮލަރުގައެވެ.

ކޮރަޕްޝަންއާއި އާއިލީ ނުފޫޒާ ބާރުގަދަ ކުރުމުގެ ދައުވާއާއި ތުހުމަތުތަކުން ޕީއާއިއޭއަށް އަރައިގަނެވޭ ގޮތެއް ނުވެއެވެ. ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔެހެން ލޮކްޑައުން އަށް ދިއުމާއެކު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ބަނގުރޫޓުވާނެ އެއާލައިން އަކަށް ޕީއައިއޭވާނެ ކަމަށް ބްލޫމްބާގްއިންވެސް އޮތީ ލަފާކޮށްފައެވެ.

ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ މަތިންދާބޯޓު ވެއްޓުނު ސަރަހައްދުން ދުން އަރަނީ/ފޮޓޯ: ސްޕަޓްނިކްނިއުސް

ޕީއައިއޭ ކޮޅަށްޖެހުމަށް މަސައްކަތްތަކެއް ކުރެވުނު ކަމުގައި ވީ ނަމަވެސް، މެނޭޖްމަންޓްގައި އޮތް "ފަގީރު" ކަމެއްގެ ސަބަބުން މިކަންވެސް ކާމިޔާބުވާ ގޮތް އޮތީ ނުވެފައެވެ. ފާއިތުވީ 12 ވަރަކަށް އަހަރު ދުވަހަށް ބަލާއިރު ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުން 9 ޝަހްސެއް ފެނުނެވެ. މިހާރުގެ ސީއީއޯ އަރުޝަދު މަހްމޫދު މާލިކް އައްޔަން ކުރުން ވީވެސް ހައިޖާނު ބޮޑު ކަމަކަށެވެ. ގާނޫނީ ކޯޅުން ތަކެއްވެސް ކުރިމަތި ވިއެވެ. މަދަނީ އަދި އަސްކަރީ ކަންކަން އެއް ހަމައެއްގައި ބެލަންސް ކުރުމުގެ ކޯޅުންގަނޑެވެ.

މާލިކް އަކީ ޕާކިސްތާނު ވައިގެ އަސްކަރިއްޔާގެ އެއާ މާޝަލްއެކެވެ. އޭނާއަކީ މަގާމަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށާ، އެކަށީގެންވާ ކޮލިފިކޭޝަންއެއްވެސް ނެތްކަމަށް ބުނެ މުވައްޒަފުން ފެޓިޝަންވެސް ހުށަހެޅިއެވެ. ނަމަވެސް އެ މަގާމުގައި މިއަދު އޭނާ ހުރީ ސީދާ ސުޕްރީމް ކޯޓުގެ ނިންމުމެއްގެ ދަށުންނެވެ.

ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީކޭ8303، އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުނު ހާދިސާގެ ތެރެއިން/ފޮޓޯ: ޑެކަން ހެރަލްޑް

މިދިޔަ ހުކުރު ދުވަހުގެ ހާދިސާއަށް ފަހު ޕީއައިއޭގެ މުވައްޒަފުންނާ މެނޭޖްމަންޓްގެ ކޯޅުން އިތުރަށް ވަރުގަދަ ވާނެ ކަމަށް ވައިގެ އުދުހުންތަކުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. ޕައިލެޓުން މިހާރުވެސް ވަނީ، ސަރުކާރުން އެކުލަވާލާފައިވާ 4 މެމްބަރުންގެ ތަހުގީގު ޓީމަށް ގޮންޖަހާފައެވެ. މި 4 މެމްބަރުންގެ ތެރެއިން 4 މެމްބަރުންނަކީ ޕާކިސްތާނު ވައިގެ އަސްކަރިއްޔާގެ އޮފިސަރުންނެވެ. ވަޒީފާގެ ގޮތުން ބަލާއިރު މާލިކްއަށްވުރެ ދަށް ރޭންކުތަކެއްގައި ތިބި ބައެކެވެ. އެހެންކަމުން ތަހުގީގުގެ އިންސާފުވެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް މިހާރުވެސް އޮތީ އުފެދިފައެވެ.

ޕީކޭ-8303 ގެ ތަހުގީގު އިންސާފުން ގެންދިއުމަށް ޕާކިސްތާނުގެ ސަރުކާރަށް އޮތް ޕްރެޝަރު ބޮޑެވެ. އާއިލާތަކަށް ދޭނެ ޖަވާބެއް ލިބެން އޮތީވެސް ތަހުގީގު ނިންމައިގެން ކަމަށްވާއިރު، ޕީއައިއޭގެ މެނޭޖްމަންޓް ވައިގެ އަސްކަރީ މެނޭޖްމަންޓްއަކަށް ދޫކޮށްލުމަކީ ރަނގަޅު ނިންމުމެއްކަން ސާބިތުކޮށްދެވެން އޮތީވެސް މި ތަހުގީގު ނިންމައިގެންނެވެ.

ދެން އޮތީ އެއާލައިން ޕްރައިވަޓައިޒް ކުރުމެވެ. ނަމަވެސް މިއީ އަދި މާ ފަސޭހަކަމެއް ނޫނެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ވައިގެ އުދުހުންތަކުގެ ސިނާއަތަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކާ، ޕާކިސްތާނުގެ ސިޔާސީ އޮއެވަރާ، އެއާލައިންގައި ހުރި އާއިލީ ނުފޫޒު ގަދަކުރުންތަކުގެ ސަބަބުން މިކަމަށްވެސް ގޮންޖެހުންތަކަކާ ކުރިމަތިވާނެއެވެ.

ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީކޭ8303، އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުނު ހާދިސާގެ ތެރެއިން/ފޮޓޯ: ހިންދުސްތާންޓައިމްސް

ޕީއައިއޭއަކީ ޕާކިސްތާނުން ގަބޫލުކުރާ ގޮތުގައި އެގައުމުގެ ފަޚްރެވެ. ޕާކިސްތާނު އެއާލައިންސްގެ ފްލައިޓްތަކުގެ ފުރިހަމަ ވާހަކަ ދެއްކުމަކީ އެ ގައުމުގެ ބައެއް ރައްޔިތުންނަށް ލިބޭ ޝަރަފެއް ފަދައެވެ. ނަމަވެސް މި ފަހަކަށް އައިސް ޕީއައިއޭއިން ފެންނަމުންދިޔަ މައްސަލަތަކަކީ ޕާކިސްތާނުގެ ސިޔާސީ އަދި އިގުތިސޯދީ މަސްރަހުގެ ތަސްވީރަކަށްވެސް އޮތީ ވެފައެވެ. ޔަތީމުވެ ދިޔަ ދަރިންނާ ހުވަފަތްވެދިޔަ އަނބީންނެކޭ އެއްފަދައިން މިއަދު މުޅި ގައުމާ މަސްލަހަތު އޮތް އެކި ފަރާތްތަކުން އިންތިޒާރު ކުރަމުންދަނީ ޕީކޭ-8303ގެ ތަހުގީގު ރިޕޯޓް އާންމުވާނެ ދުވަހަކަށެވެ. ޕީއައިއޭ އޯވާހޯލް ކުރަންޖެހުމާ ނުޖެހުމާ މެދު ގޮތެއް ނިންމުން އެހާ ހިސާބަށް ފަސްކުރަންވެސް ޖެހިދާނެއެވެ.