މާލެއިން ކޮވިޑް19 ފެނިފައިވުމާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ އަށް ދޭ ބައެއް ލުއިތައް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާމަކުރައްވައިފިއެވެ.

"ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ލޮކްޑައުން އަށް ދޭ ބައެއް ލުއިތައް ހާމަކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ މިހާރު ގޭބިސީތަކުގައި ތިބި މީހުންގެ ތެރެއިން ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ދެވެމުން އަންނަނީ އެންމެ މީހަކަށް ކަމަށެވެ. ނަމަވެސް ލޮކްޑައުންގައި ދޭ ލުއިތަކުގެ ތެރޭގައި އެ ހުއްދަ ދެވޭ މިންވަރު އެކަކަށް ވުރެ އިތުރުވެގެން ދާނެ ކަމަށެވެ.

މީގެއިތުރުން މާލެ ތެރެއަށް ނިކުމެ އުޅުމުގެ ފުރުސަތުވެސް ކޮންމެވެސް ވަރަކަށް ދޭނެ ކަމަށް ފާހަގަ ކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ އަމިއްލަ ބައެއް ފަރާތްތަކުގެ އޮފީސްތަކާއި އެކި ބޭފުޅުންނަށް އޮފީސްތަކަށް ގޮސް މަސައްކަތް ކުރުމަށް ލުއިތަކެއް ދެމުން ގެންދަވާނެ ކަމަށެވެ.

ސީޕީ ވިދާޅުވީ ލޮކްޑައުންގައި ދެމުން ގެންދާ ލުއިތައް ދެމުން ގެންދާނީ މަޑުމަޑުން (ގްރެޖުއަލީ) ކޮށް ކަމަށެވެ. މި ނޫން ގޮތަކަށް ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ނުދޭ ނަމަ އިތުރު ބުރައެއް އުފުލަން ޖެހިދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ދާދި ފަހުން ގައުމާ މުހާތަބު ކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަން ިއުލާން ކުރައްވާފައެވެ. މި ލުއިތަކުގައި މިސްކިތްތަކާއި ކެފޭ ރެސްޓޯރެންޓު އަދި ސްކޫލުތައް ހުޅުވުމުގެ ފުރުސަތު ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.