ސަލާމަތްވާން އެތަނުން ނުކުންނާނެ ގޮތެއް ހަސަން ކޮއެ އަކަށް ނުފެނުނެވެ. އަލިފާން ރޯވަމުން ދިޔަ އިރު އެތަން ދުމުން ފުރި ނޭވާ ލާން އުނދަގޫވެ މީހާ ހާސް ވިއެވެ. ޖިފްޓިގޭގެ މަތި ހިޔާކުރަން އަޅާފައިވާ ފަންގަނޑުގައި ހުޅު ރޯވެ އެތަނުން ފަންގަނޑެއް އޭނާގެ ބޯމައްޗަށް ވެއްޓުނެވެ. ގައިން ނެގި ދިލައަށް ކެތްނުވާ ހާލުގައި އަޑުގެ ނެތްތަނަށް ހަސަންކޮއެ ހަޅޭއްލަވައިގަތީ ރޮއެ ހޭރެމުންނެވެ.
*** *** *** *** *** ***
ކާސިމް އޭނާގެ ގޯތިތެރެއަށް ވަންނަން ހިނގައިގަތް އިރު އެ ރަށުގެ ފިރިހެން ވެރިން ތިބީ ކާސިމް ދެއްކި ވާހަކައަށް ބަރޯސާވެގެންނެވެ. ބަދިގެ ފަރާތުގެ އެހެފައި ހުރި ކާށިތަކުގެ ތެރެއިން ރީތި ހެޔޮވަރުގެ ކާއްޓެއް ނަގާ ކަންފަތާ ހަމައަށް ގެނެސް އޭނާ އެ ކާށި ހަލުވާލީ އެއީ ރަނގަޅު ކާއްޓެއްތޯ ޔަގީން ކުރުމަށެވެ. ފެން ގިނަ ކާއްޓެއްކަން ޔަގީންވުމުން އެ ގޯތި ބޭރުގައި މަޑުކޮށްގެން ތިބި މީހުން ކައިރިއަށް ދާން ކާސިމް އަވަސްވެގަތެވެ.
އެތަނުގައި ތިބި މީހުންގެ މޫނަށް ބަލާލުމަށްފަހު ތާކިހާއެއް އަޅައިގެން ހުރި ބެއްޔާގެ އަތަށް އޭނާ ހިފަހައްޓައިގެން ހުރި ކާށި ދިއްކޮށްލިއެވެ. ކުރިން ކަންކުރި ގޮތަށް އެ ކާށި ބޭނުންކޮށްގެން ސިހުރުހާހޫރަ ބެލުމަށް ކާސިމް އެދުނީ އޭނާގެ ޝައްކު ޔަގީން ކުރުމަށެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ އެ ގޯއްޗަށް މީހަކު ސިހުރު ހަދަން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. އެ އާއިލާއަށް ހަސަދަ ވެރިވާނެ އެއްވެސް މީހަކު އެ ރަށުގައި ނޫޅޭނެކަމަށް އުންމީދުކޮށްގެން ހުރި ކާސިމްގެ ހިތަށް ހަމަޖެހުމެއް ލިބެން އޮތީ ދެން ލިބޭ ނަތީޖާއަކުންނެވެ.
ބެއްޔާގެ އަތަށް އެ ކާށި ހެޔޮވަރުކޮށްލުމަށްފަހު ތުންތަޅުވާލަމުން ކިޔެވެލި ކިޔަވާ ކާއްޓަށް ފުމެލައިފިއެވެ. އަދި އުޑުފައިން އިށީނދެ އެގޭ އޮޅިގަނޑުމަތީ ބާއްވާފައި އޮތް ހިލަބުރިއާ ހަމައަށް ކާށި ތިރިކޮށްލަމުން ފުން ނަޒަރަކުން ހަށަން ބަނދެގެން އެމަންޒަރު ބަލަން ހުރި ކާސިމްގެ މޫނަށް ބަލާލިއެވެ. ބިސްމި ކިޔުމަށްފަހު އަތުހުރި ބާރެއްލާ ބެއްޔާ އެ ކާށި ފަޅާލީ ހިލަ ބުރީގައި ޖަހާލަމުންނެވެ. ތިންހަތަރު ކިބައަށް ކާށި ފަޅައިގެން ދިޔައިރު އެ ކާށީގައި އެންމެ ފެންތިއްކެއް ވެސް ނެތްކަން ކަށަވަރުވުމުން ކާސިމްގެ މޫނު މަތިން ފާޅުވެގެން ދިޔައީ ހައިރާންކަމުގެ ކުލަވަރެވެ. ކާށީގެ އެތެރެ އޮތީ އެކީ ކަޅުކުލައަށް އަނދާފައި ކަހަލަ ގޮތަކަށެވެ.
އިން ތަނުން ތެދުވެ ހިންދެމިލަމުން ކާސިމްގެ ކޮނޑުގައި ބެއްޔާ ހިފާލީ އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ދެން ހަދާނެ ގޮތަކާ މެދު އެންމެން އޮޅުން ފިލުވަން ސުވާލު ކުރަންފެށީ އެމީހުންނާ ދިމާވެގެން މިއުޅެނީ ކިހާވަރެއްގެ މުސީބާތެއްކަން ނޭނގޭ ހާލުގައެވެ. ފުން ވިސްނުމެއްގައި ހުރި ބެއްޔާ ބޭނުންވީ އިތުރު އެހެން ގެއަކަށް އެ ސިހުރުގެ އަސަރުކޮށްފައިވޭތޯ ބަލާށެވެ.
މަސައްކަތް ފަށާ ކިޔެވެލި ކިޔަވާލަމުން ބިންމަތީގައި ޝަހާދަތް އިނގިލިން ކުޑަ ބޮޅެއް ބެއްޔާ ކުރަހާލިއެވެ. އެއަށްފަހު އޭނާ ގެނައި ސާމާނު އަޅާފައިވާ ފޮތިބޮނޑި ތެރެއިން ފުނަ އޮއްތަކެއް ނެގިއެވެ. ގާތްގަނޑަކަށް ދިހަވަރަކަށް ފުނައޮށް ނެގުމަށްފަހު އޭނާ އެ އޮށްތައް މައްޗަށް އުކާލިއެވެ. ފުނައޮށްތައް ބިންމައްޗަށް ވެއްޓުނު އިރު ބެއްޔާ ކުރެހި ބޮޅުގެ ތެރެއަށް ވެއްޓުނީ އޭގެތެރެއިން ތިން އޮށެވެ. ތަކުރާރުކޮށް އޭނާ އެކަން ތިން ފަހަރު ކުރި އިރުވެސް އެ ބޮޅު ތެރެއަށް ތިން އޮށް ދާ ގޮތަކަށް ނޫނީ އެކަން ނުނިމުނެވެ. އެހިސާބުން ބެއްޔާ ދެއަތަށް ބޯހޫރުވާލަމުން އެ ރަށުން ތިންވަނަ މީހަކު ގެއްލޭނެ ކަމަށް ބުނީ ހިތާ ދެކޮޅަށެވެ.
ކާސިމާއި ދީދީއާ ދިމާއަށް ބެއްޔާ ބަލާލި އެމީހުންގެ ދެދަރިންނާ އެންމެ ގާތްކޮށް އުޅޭ އެހެން މީހަކު ހުރިތޯ ސާފުކުރުމަށެވެ. ބެއްޔާ ކުރި ސުވާލަށް އެމީހުންނަށް ޖަވާބެއް ނުދެވި އެވަގުތު ބަލާލެވުނީ ތައްކާނާ ދިމާއަށެވެ. ހައިރާންކަމާއެކު ތައްކާނު އެ ވަގުތު ވަށައިގެން އެ ސަހަރައްދަށް ބަލާލީ އެމީހުންނާއެކު ހަސަން ކޮއެ ގެއިން ނިކުތް ހަނދާން ވުމުންނެވެ. ނަމަވެސް އެ ތަނުގައި ހަސަން ކޮއެ ނެތުމުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ތައްކާނުމެން ގޯތި، މިސްކިތުމަގުގެއަކީ އެ ސިހުރު ޖެހިފައިވާ ތިންވަނަ ގޯތި ކަމަށް ނިންމާ އެތަނުގައި ތިބި އެންމެން އެކީ މިސްރާބު ޖެހީ އެ ދިމާއަށެވެ. އޭރު ތައްކާނުގެ ސިކުނޑި ތެރޭ މަސްހުނި ވަމުންދިޔައީ އެ ތިން އެކުވެރިންގެ ދަރިންނަށް އެ ވަރުގެ ބޮޑު ކަމެއް ޖެހެންވީ ސަބަބު ނޭނގޭތީއެވެ. އެމީހުންގެ ދަރިންނަށް ހަސަދަ ލައިގެން އެކުދިންނަށް ދެރައެއް ދޭން ކެރުނު މީހަކު އެ ރަށުގައި ހުންނާނެ ކަމަށް އޭނާގެ ޒަމީރު ގަބޫލެއް ނުކުރެއެވެ.
*** *** *** *** *** ***
ގޯތިތެރެއަށް ވަދެގެން އައި ބަދުރު ހުރީ ހާސްވެފައެވެ. އަތުގައި އޮތް ދޮލަނގުގައި ހުރި ލޭފެންތައް ކެޔޮވަލު ތެރެއަށް އުކާލުމަށްފަހު އޭނާ އަވަސްވެގަތީ ގޭތެރެއަށް ވަންނާށެވެ. ފެންވަރާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ.
ގޭތެރެއަށް ވަދެ ހަތަރެސްފަޔަށް ހިނިއަރައިގެން އުޅޭ މީހަކު ފަދައިން ބޭނުންވާ ހުރިހާ ސާމާނުތައް އޭނާ އެއްކުރަން ފެށިއެވެ. އަދި ރޯނު އެނދުމަތީ ފަތުރާލި ފޮތިގަނޑުގެ ތެރެއަށް އެ ހުރިހާ ސާމާނެއް ލަމުން ދިޔައެވެ. ހިންދެމިލަމުން އެންމެ ފަހު ކަމަކަށް އޭނާ ބަލާލީ އެނދުކޮޅުގައި ބަހައްޓާފައިވާ ފިލާ ގަނޑަށެވެ.
ކަމަނަ ކިޔަވަން އެނދުރުބެ ގެއަށް ގެންދިޔަ ފިލާގަނޑު ނަގާ އޭގައި ފިރުމާލަމުން ބަދުރު ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އަދި އޭނާ އެއްކުރި ސާމާނުތަކުގެ ތެރެއަށް އެ ފިލާގަނޑު ވެސް ލައި ފޮތިގަނޑު އެއްކޮށްލާ ގޮށެއްޖަހާ ރަނގަޅަށް ބަނދެލިއެވެ. އެއަށްފަހު އެ ހިފައިގެން އެ ގޯތިން ނުކުންނަން އޭނާ ހިނގައިގަތީ ފަހު ފަހަރަށް އެ ގޯތިތެރެއަށް ބަލާލުމަށް ފަހުއެވެ.
މި ވަގުތު ރަށުތެރޭ މީހުން ހޭލަ މޭލަވެ އުޅޭނެތީ އޭނާ މިސްރާބު ޖެހީ ވަލު ފަރާތުން ދޯނިތައް އެހެލާފައި ހުންނަ ދީމާއަށެވެ. އޭނާގެ މަގްސަދު ފުރިހަމަ ވުމާއެކު ދެން އޭނާ ޖެހޭނީ މިރަށުން ފައިބެގެން ދާށެވެ. ކަމަނައަށްޓަކައި އޭނާ ވީ ގުރުބާނީއަށްފަހު އެ ރަށުގައި ދެން މަޑުކުރާކަށް އޭނާ ގަސްތެއް ނުކުރެއެވެ.
*** *** *** *** *** ***
ތައްކާނުމެން ގޯއްޗާ ހަމައަށް ގޮސް އެގޭ ތެރޭ ތިބި އަންހެންވެރިން ގާތު އެތެރެގެއަށް ވަނުމަށް ތައްކާނު އަމުރު ކުރީ އެމީހުންނަށް އެތަނުގައި ކުރަން އެ އުޅޭ ކަންތައް އަންގަން ބޭނުން ނުވާތީއެވެ. ކުރިން ދިޔަ ދެގޭ ކުރިމަތީގައި ކަންކުރި ގޮތަށް ބެއްޔާ ކާށި ފަޅައިފިއެވެ. އެގޭ ދޮރުމައްޗަށް ފަޅާލީ ކާށީގެ އެތެރެ ވެސް އަނދާފައި އޮތް ތަން ފެނުމުން ބަލާކަށް ނުހުރެ ތައްކާނުގެ ފިރިހެން ދަރި ހަސަންކޮއެ ގެ ނަމުން އަޑުގެ ނެތްތަނަށް ގޮވާލިއެވެ.
އެތެރެގޭ ތެރޭގައި އިން ދަލޭކަ ކަންފަތުގައި ތައްކާނުގެ ހަޅޭކުގެ އަޑު ޖެހުމާއެކީ ގޯތިތެރެއަށް އޭނާ ނިކުތީ ވެގެން އުޅޭ ގޮތެއް ބެލުމަށެވެ. ދަލޭކަ ފެނުމާއެކު އޭނާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ހަސަންކޮއެ ކޮބާތޯ ތައްކާނު ސުވާލު ކުރީ ނާއުންމީދުވެފައި ވާ ހާލުގައެވެ. ހައިރާންވެފައި ހުރެ ދަލޭކަ ޖަވާބުދެމުން ބުނީ ތައްކާނުމެންނާއެކު ބެއްޔާ ބަލާ ހަސަން ކޮއެ އަތިރިމައްޗަށް ދިޔަ ކަމަށެވެ. އެހިސާބުން އެތާ ތިބި އެންމެން އެކަކު އަނެކަކުގެ މޫނަށް ބަލާލީ ހަސަންކޮއެގެ ދުވަސް އެ ދިޔައީ ކަމަށް ނިންމަމުންނެވެ.
އަތިރިމައްޗަށް ބެއްޔާ ބަލާ ދިޔައިރު ހަސަން ކޮއެ އެތާ ހުރި ތަން ފެނުނު މީހުން ތިބި ނަމަވެސް އެއްގަމަށް އެމީހުން ބެއްޔާއާ އެކު އެރި ފަހުން އޭނާ ފެނުނު މީހަކު ނެތެވެ. އޭނާ ދިޔައީ ކޮންތާކަށް ކަން އެނގުނު މީހަކުވެސް އެތާކު ނެތެވެ. އެއަށް ވުރެ އެންމެން ތިބީ ބެއްޔާއާއެކު ދެކެވުނު ވާހަކަތަކަށް ގެއްލިފައެވެ.
ހަސަންކޮއެ ވީތަނެއް ހޯދަން ބޭނުންކަމަށް ބުނެ ތައްކާނު މޮޔައެއްހެން ތެޅިގަތެވެ. އޭނާގެ އެދުމަށް ރަށުތެރެ ބަލާ ހޯދަން އެރަށުގެ ހުރިހާ ފިރިހެންވެރިން ފާނޫޒު ހިފައިގެން ތައްކާނާއި ދީދީއާއި ކާސިމާ އެކު ހަސަންކޮއެ ހޯދަން އަވަސްވެގަތެވެ. އޭނާ ގެއްލުނުތާ މާ ގިނަ އިރުތަކެއް ނުވާތީ އަދި ފެނިދާނެކަމަށް ތައްކާނު ގަބޫލު ކުރިއެވެ.
*** *** *** *** *** ***
ވަލު ތެރެއިން ދޯނިތައް އެހެލާފައި ހުރި ދިމާއަށް ބަދުރަށް ނުކުމެވުމާއެކު ކަމަނަ ބުނި ކުޑަ ދޯނި ފެނޭތޯ ވަށައިގެން ހޯދާލިއެވެ. ފަޅު ތެރޭގައި އަޅާފައި އޮތް ކުޑަ ދޯނި ފެނުމާއެކު މީހަކަށް ފެނިދާނެތީ އެ ދިމާއަށް ބަދުރުގެ ފިޔަވަޅު އަވަސްކޮށްލީ ވަށައިގެން ރަށުތެރެއަށް ބަލާލުމަށް ފަހުއެވެ. ދިޔަވަރު ބޮޑު ވަގުތެއްކަމުން މޫދަށް އެރިގެން ނޫން ގޮތަކަށް އެ ދޯންޏާ ހަމައަށް ދެވޭކަށް ނެތެވެ. އޭނާގެ ސާމާނުތަކާ އެކު ބަނދެފައިވާ ފޮތި ބޮނޑި ބޯމައްޗަށް ލައިގެން އެ ދޯނި އޮތް ހިސާބަށް ބަދުރަށް ދެވުނު އިރު ފެންގަނޑު ހުރީ މޭ ކަށިގަނޑާ ހަމައިގައެވެ.
ދޯންނަށް އަރާ އޭނާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލި އިރު ރަށުގެ ގޮނޑު ދޮށުގައި ރަތް ލިބާހެއް ލައިގެން ހުރި ކަމަނަ އޭނާގެ ލޮލުގައި އަޅައިގަތެވެ. ގޮނޑުދޮށުގައި ރަތް ލިބާހެއް ލައިގެން ހުރި ކަމަނަގެ ނަޒަރު އޭރު ސީދާ ހުރީ ބަދުރާ ދިމާއަށް ހުއްޓިފައެވެ. ހުއްޓުން އަރާފައި ހިދުކޮޅަކު ހުރުމަށްފަހު ބަދުރު އަވަހަށް ނަގިލި ނަގާ ދަތުރަށް ތައްޔާރުވިއެވެ. ފަލި ހިފައިގެން އިށީނދެ ފަލި ޖަހަމުން އޭނާ އަނެއްކާވެސް ގޮނޑުދޮށާ ދިމާއަށް ބަލާލިއެވެ. އޭރު ގޮނޑުދޮށުގައި ހުރި ކަމަނަ މިހާރު ފެންނާކަށް ނެތެވެ.
ވަރުބަލިވެފައި ހުރި ނަމަވެސް ބަދުރު ބޭނުންވީ ރަށު ތެރެއިން މީހަކަށް ނުފެނި އަވަހަށް އެ ރަށުގެ ފަޅުތެރެއިން ބެރަށް ނުކުންނާށެވެ. ހިތް އަވަސްވެފައި ހުރިވަރުން ފަލިޖެހެމުން ދިޔަ ގޮތްވެސް އޭނާއަކަށް ނޭނގެއެވެ. 15 އަހަރަށް ފަހު މިރެއަކީ އޭނާގެ ހިތަށް ހަމަޖެހުމެއް ލިބެން ޖެހޭނެ ދުވަހެވެ. ނަމަވެސް އަދިވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭ ކަހަލައެވެ.
ބަދުރުގެ ކަމަނަ ގެއްލުނުތާ 15 އަހަރުވީ އިރު އޭނާގެ ދަރިފުޅަށް ވީގޮތް އެނގުނީ ލައްކަ މަސައްކަތަށް ފަހުއެވެ. އޭނާގެ ދަރިފުޅު ގެއްލިގެން މުޅި ރަށުތެރޭ އެކި މީސްމީހުން ކައިރިއަށް ގޮސް ކަމަނަ ހޯދުމަށް އެހީތެރިވުމަށް އެދި އެތައް އާދޭހެއް އޭނާ ކުރިއެވެ. އެ ދުވަހު އޭނާއަށް އެހީވާނެ މީހަކު އެރަށަކުން ނުވިއެވެ.
އޭނާ ހެދި ސިހުރަކުން ތައްކާނުގެ އަމާ އާމިނަ މަރުވި ކަމަށް ބުނެ އެރަށުގައި ތިބި މީހުން އޭނާ ބާކީ ކޮށްލިއެވެ. ކަމަނަ ގެއްލިގެން އެކަމަށް އެހިވާން އެދުމުން އޭނާއަށް އެ ރަށުގެ އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބުނީ އެހެންވެ ކަމަށް އޭނާ ގަބޫލުކޮށް އަމިއްލަ މީހާ ކުށްވެރި ކުރިއެވެ. އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބޭނެ ކަން އެނގުމުން އެކަނިމާ އެކަނި ކަމަނަ ހޯދަން ރަށުގެ އެކި ދިމަދިމާއަށް ގޮސް އޭނާ މަސައްކަތް ކުރީ އެކަނިމާ އެކަންޏެވެ.
އެގޮތުން އެއް ދުވަހަކު ވަލުތެރެ ބަލަމުން ދަނިކޮށް އުނިގަހެއްގެ ބުޑުގައި ކަމަނަގެ ފިލާގަނޑު އޮއްވާ އޭނާއަށް ފެނުމުން އުންމީދުގެ ހުޅުކޮޅެއް ބަދުރުގެ ހިތުގައި ރޯވެގެން ދިޔައެވެ. އެދުރުބެ ގެއަށް ކިޔަވަން ދާ އިރު ކަމަނަ ގެންދާ ފިލާގަނޑު ވަލުތެރެއަށް ވެއްޓިފައި އޮއްވާ ފެނުމުން ހައިރާންކަމެއް ލިބުނެވެ. އެހިސާބުން ބަދުރުގެ ބައްޕަގެ ފޮތްތައް ކިޔަވައި ސިހުރުވެރިކަން އުނގެނި މޮޅު މީހަކަށް ވާން މަސައްކަތް ކުރިއެވެ. އެއީ ސިހުރުގެ ބޭނުންކޮށްގެން ކަމަނައަށް ވީ ގޮތެއް ހޯދިދާނެ ކަމަށް އޭނާއަށް ގަބޫލު ކުރެވޭތީއެވެ.
ފޮތްތައް ކިޔަވާ ދިރާސާ ކުރަމުންދިޔަ ބަދުރަށް ޖެހުނީ ޖިންނި ޝައިތޯނުންގެ އެހީ ހޯދާށެވެ. އެ ގޮތުން އޭނާގެ އެދުން ފުރިހަމަ ކުރަން އެތައް ގުރުބާނީތަކެއް ވެގެން ހަނދުމަހުން ސާދަވިލޭރެއެއްގެ ދަންވަރުގެ ވަގުތެއްގައި އޭނާގެ ކުރިމައްޗަށް ފާޅުވީ ރަތް ލިބާހެއްގައި ހުރި އަންހެން ޖިންނިއެކެވެ. އެ ޖިންނީގެ ނަމަކަށް ބުނީ ދޮން ކަމަނައެވެ.
*** *** *** *** *** ***
ރަށުގެ އެކި ހިސާބުތަކަށް މީހުންތައް ބެހިގަތެވެ. ތައްކާނާއި އޭނާގެ ދެ އެކުވެރިން ރަށުތެރެ ބަލަމުން ދިޔައީ އެކުއެކީގައެވެ. ވަލުތެރެއަށް ވަންނަން ދާން ހިނގައިގަތް ތައްކާނުގެ ފަހަތުން ދީދީ ފިޔަވަޅު އަޅާލަމުން ގަސްތަކުގެ ތެރެއަށް އޭނާ ހިފަހައްޓައިގެން ހުރި ފާނޫޒުން އަލިކޮށްލިއެވެ. ކާސިމް ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން އަނދިރިކަމުން ފުރިގެންވާ ގަސްތަކުގެ ތެރެއަށް ވަންނަން ފިޔަވަޅު އަޅާލި އިރު އޭނާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ވަނީ އަށަގެންފައެވެ.
ހުސްފައިގައި ވަލުތެރެއަށް ވަންނަން ދިޔަ ދީދީ ވަކި ހިސާބަކަށް ވަދެވުމުން އެނބުރި ގެއަށް ދިއުމަށް އެދުނީ އޭނާގެ ހިތަށް ނުބައި ވަހުމްތަކެއް ވަނުމުންނެވެ. އޭރު އެމީހުންނަށް ވަނީ ވަލުތެރެއިން އެންމެ އެތެރެއަށް އާދެވިފައެވެ. ދީދީ އާދޭސް ކުރުމުން ވެސް ތައްކާނު ގެއަށް ދާކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ހަސަން ކޮއެ ހޯދާށެވެ. އިރުއަރަންދެން މުޅި ރަށުތެރެ ބަލަން ޖެހުނަސް ވަރިހަމަ ކަމަށް ބުނެ ކުރިއަށް ދާން އެނާ ހިނގައިގަތީ ގެއަށް ދާން ބޭނުންވާ މީހަކު ދިޔަޔަސް އޭނާއަށް އެންމެ ރަނގަޅުކަމަށް ބުނަމުންނެވެ.
ތައްކާނު އެހުރި ހާލަތުގައި ވަލުތެރެއަށް އެކަނި ދޫކޮށްލާފައި ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަން ކާސިމަށް ވިސްނުނެވެ. އޭނާގެ އަތުން ފައިން ގޯހެއް ހަދާފާނެ ކަމަށް ގަބޫލު ކުރެވޭތީ ދީދީ ގާތު ގެއަށް ނުގޮސް ތައްކާނާ އެކީ އުޅުމަށް ކާސިމް ނަސޭހަތް ދީ ތައްކާނުގެ ފަހަތުން އެ ދެމީހުން ހިނގައިގަތެވެ. ގަސްތަކުގެ އޮފިތައް ފޭކުރަމުން ގަސްތަކުގެ ތެރެއަށް އަލި ކުރަމުން ހަސަން ކޮއެގެ ނަމުން ތައްކާނު ގޮވަމުން ދިޔައެވެ. ދިމާލަކުން ފަތެއް ހެލިލިއަސް އެދިމާއަށް ފާނޫޒުން އަލިކޮށް ހަސަން ކޮއެ އެތާ ހުރެދާނެކަމަށް ތައްކާނު ބަލަމުން ދިޔައީ މޮޔައެއް ހެންނެވެ.
އެއްޗެއް މުގުރުނު އަޑު އެމީހުންގެ ކަންފަތުގައި ޖެހުމުން އެދީމާއަށް ތައްކާނު އެނބުރިލިއެވެ. އަޑު އައި ދިމާއަށް ދީދީ ބަލާލިއެވެ. އަދި އެތަން އޮތް ލެއް އަނދިރިކަމުން އެތަނަށް ދާނެ ކަމެއް ނެތޭ ބުނެ ތައްކާނު ހިފަހައްޓަން ދީދީ ކުރި ބައްދަން މަސައްކަތް ކުރިއެވެ. ދީދީގެ މޭގައި އަތް އަޅާ ކޮއްޕާލަމުން ތައްކާނު ކުރިއަށް ފިޔަވަޅު އަޅާލިއެވެ. ހާސްވެފައި ހުރި ކާސިމްވެސް އޭރު ހުރީ ކޮންމެވެސް ވަރަކަށް ބިރުގެންފައެވެ. އެ ދެމީހުންގެ ހިތަށް ބިރުވެރިކަން އިހްސާސްވަމުން ދިޔަ ނަމަވެސް ބިރުގެ ކަންފުޅެއްވެސް ތައްކާނުގެ ހިތަކު ނެތެވެ. އެއަށް ވުރެއް އޭނާ ހުރީ އޭނާގެ ދަރިފުޅު ހޯދަން ބޭނުންވެފައެވެ.
ބިޔަކޮށް ހެދިފައިވާ ގަސްތަކުގެ އެތެރެއިން ފެންނަމުން ދިޔަ ފުން އަނދިރިކަމުގެ ތެރެއަށް ފާނޫޒުން ރަނގަޅަށް އަލި ނުވި ނަމަވެސް ފާނޫޒު ދިއްކޮށްގެން ތިބެ ތިން މީހުން ކުރިއަށް ހިނގައިގަތެވެ. އެހިސާބުން އެމީހުންގެ ފިޔަވަޅު މަޑުޖެހުނީ އެމީހުންގެ ނޭފަތުގައި މީރު ހުވަނދެއްގެ ވަސް ޖެހުމުންނެވެ. ފުން ނޭވާއެއް އެތެރެކޮށްލުމަށްފަހު އަންގައިން އެކަކުވެސް ބަހެއް ނުބުނެ މަޑުކޮށްލެވުނީ ކުރެވުނު ތަފާތު އިހްސާސަކުންނެވެ. އެ ހަމަހިމޭންކަމުގެ ތެރެއިން ދެން އެމީހުންގެ ކަންފަތުގައި ޖެހުނީ ރީތި ހުނުމެއްގެ އަޑެވެ. އެ އަޑު ޖެހުމާ އެކީ ތިން މީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އެކަކު އަނެއްކުގެ މޫނަށް ބަލާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ.
(ނުނިމޭ)
އެ ތިން މީހުން ވެގެން ބަދުރުގެ ކަމަނަ ރޭޕްކޮށް މަރާލީމަ އޭގެ ބަދަލު ހިފަން ކަންނޭގެ އެއުޅެނީ
ބެސްޓް ސްޓޯރީ ރައިޓާ އެވާ. މި ސައިޓްގެ އަޅެ ފޮންޓް މައްސަލަ ރަނގަޅު ކޮށްދޭން ވެއްޖެއްނު. އެހެން ހުރިހާ ނޫހެއް ކިޔޭ. މި ނޫސް ގެ އެކަނި މި މައްސަލަ ހުންނަންޏާ އެކަން ރަނގަޅު ކޮށްލަބަލަ