މާސްކުގައި ހުންނަން ޖެހޭ ސިފަތައް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެ ދެއްވައިފިއެވެ.

މިހަރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މާސްކު އަޅާއިރު، ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވެން ޖެހޭނެ ކަމަށެވެ. އަދި މާސްކު ހުންނަން ވާނީ މޫނަށް ފިޓް ވެފައި ކަމަށާއި، މާސްކުގެ ފަހަތުގައި ކަންފަތުން އެޅުވޭ ގޮތަށް ހުންނަ ލޫޕެއް ނުވަތަ ފަހަތުން އެއްސޭ ގޮތަށް ހުންނަން ވާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މާސްކުގައި މަދުވެގެން ދެ ފަށަލަ ނުވަތަ ތިން ފަށަލަ ހުންނަން ޖެހޭނެ ކަމަށެވެ. މާސްކް އަޅާފައި ހުންނައިރު ރަނގަޅަށް ނޭވާ ލެވެން ޖެހޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާސްކުގެ ބޯ މިނުން ނުވަތަ މާސްކު ހެދިފައިވާ ގޮތަކުން ނޭވާ ދައުރު ނުވާ ގޮތަކަށް ހުރެގެން ނުވާނެ ކަމަށެވެ.

މާސްކު ހަދާފައި ހުންނަ ފޮއްޗަކީ ފަސޭހައިން ތެމޭ ކަހަލަ ފޮއްޗަކަށް ވެގެން ނުވާނެއެވެ. ނުވަތަ ކޮންމެވެސް ވަރެއްގެ ވޯޓާ ރެޕެލެންޓް ފޮއްޗަކަށް ވާން ޖެހޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މި ސިފަތައް ފުރިހަމަވާ ނަމަ މާސްކު އަމިއްލައަށް ވެސް ތައްޔާރު ކުރެވިދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އުމުރުން 2 އަހަރުން ދަށުގެ ކުދިން މާސްކު އަޅުވައިގެން ނުވާނެ ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ އަމިއްލައަށް މާސްކް ނަގަން ނޭނގޭ ވަރު ކުޑަކުދިންނާއި މީހުން މާސްކު އެޅުވުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫން ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ބައެއް ހާލަތްތަކުގައި، މިސާލަކަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ސާޖިކަލް މާސްކް ފަދަ މާސްކް ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ފަރާތްތައް ފޮތި މާސްކް ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މާސްކު އެޅުމުން ހުރިހާ ކަމެއް ހަމަވީ ކަމަށް ބަލައިގެން ތިބެވެން ނެތް ކަމަށެވެ. ގިނަގިނަިއން ސައިބޯނިލައިގެން އަތް ދޮވުމާއި ގައިދުރު ކުރަން ވެސް ޖެހޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.