ކޮވިޑް-19 ފެތުރެމުންދާތީ މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަަތަށް ގެނެވުނު އިރު މާލޭގައި ތިބި މީހުންގެ ތެރެއިން އެނބުރި ރަށަށް ދާން ބޭނުންވެފައި ތިބި މީހުން ޓްރާންސިޓް ކަަރަންޓީން ފެސިލިޓީއަށް ގެންދިއުމަށް ހަމަޖެހި މިހާތަނަށް 2255 މީހުން ކަރަންޓީން ކުރެވިފައިވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް މިއަދު 202 މީހަކު ގެންދެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް އެ ކަރަންޓީން ފެސިލިޓީތަކަށް ޖުމްލަ 2255 ފަރާތެއް ގެންގޮސްފައިވާ ކަމަށެވެ.
މާލެ ލޮކްޑައުންގެ ހާލަތަށް ބަދަލު ކުރި އިރު ރަށަށް ދިއުމަށް ރިސޯޓުތަކުން ގިނަ އަދަދެއްގެ މުވައްޒަފުން މާލެއަށް އައިސް ތިއްބެވެ. ހަމައެއާއެކު ބޭސްފަރުވާ ކުރުމަށް ވެސް ގިނަ އަދަދެއްގެ މީހުން އައިސް ތިބި އިރު އެ ފަރާތްތަަކށް ރަށަށް ނުދެވި އެތައް ތަކުލީފުތަކެއް އުފުލަން ޖެހުމުން ވަނީ އެމީހުންގެ ޝަކުވާތައް ސަރުކާރާ ހިއްސާކޮށްފައެވެ.
އެގޮތުން ރަށަށް ދާން ބޭނުންވެގެން 5000 އަށް ވުރެ ގިނަ މީހުން އެދިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. މީގެ ތެރޭގައި މާލޭގައި ކުއްޔަށް އުޅޭން ޖެހުމުން މާލީ ހާލަތު ތަން ނުދޭ ފަރާތްތައްވެސް ހިމެނެއެވެ.
މާލެ ލޮކޑައުންގެ ހާލަތަށް ދިޔައިރު ރަށަށް ދާން މާލެއަށް އައިސް ތާސިވެފައި ތިބި ރިސޯޓު މުވައްޒަފުންގެ ތެރެއިން 502 މީހުން ނަން ނޯޓުކޮށްފައިވާ އިރު އޭގެތެރެއިން 467 މީހުން މިހާރު ވަނީ ކަރަންޓީން ފެސިލިތީތަކަށް ބަދަލު ކުރެވިފައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި ނަން ނޯޓު ކުރި 502 މީހުންގެ ތެރެއިން މިހާރު ކަރަންޓިން ނުކުރެވި ތިބީ 35 މީހުން ކަމަށާއި އޭގެތެރެއިން 26 ފަރާތަަކަށް އަދި ނުގުޅޭތީ ކަރަންޓީން ކުރުމުގެ ކަންކަން މަޑުޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.