އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރު ރާއްޖޭގައި މަރުތައް ގިނަ ނުވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެހެން އަހަރުތަކާ އަޅާބަލާއިރު، ރާއްޖޭގައި މަރުވާ މީހުންގެ އަދަދު ގިނަ ވެފައި ނެތުމަކީ އެއީ ކޮވިޑް-19 ޖެހިގެން އެކަން ނޭނގި ހުއްޓާ މަރުވާ މީހުން ގިނަ ނުވުން ކަމަށެވެ. އަދި ކޮވިޑް ޖެހި، އެކަން ނޭނގި މީހުން މަރުވާ ނަމަ އޯވަރޯލްކޮށް މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑް-19 ގައި މިހާތަނަށް ރާއްޖޭގައި މަރުވެފައި ވަނީ 5 މީހެކެވެ. ނަމަވެސް މި ދަނޑިވަޅުގައި އެހެން ގޮތްގޮތަށް މަރުވާ މީހުން ކޮވިޑަށް ޓެސްޓު ނުކުރާތީ، އެކަމާ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

2017 އިން 2020 އާ ހަމައަށް ޖެނުއަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ރާއްޖޭގައި މީހުން މަރުވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މީހުން މަރުވާ ނިސްބަތް އިތުރު ވެފައެއް ނުވެއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑް ހުރިކަން ނޭނގި މަރުވާ މީހުންގެ އަދަދު އިތުރު ނަމަ އޯވަރޯލްކޮށް މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ. އަދި އެކަން އެހެން ނުވާތީ އެއީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.