އިތުރު 43 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން އިއުލާން ކުރެއްވީ ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ.
މަބްރޫކް ވިދާޅުވީ ރޭގެ ޕްރެސް ނިމުނު އިރުން ފެށިގެން ރޭގެ 12:00 އަށް 17 ކޭސް އަދި މިއަދު 26 ކޭސް ފެނިފައިވާ ކަމަށެވެ. ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް 1438 ކޭސް ފެނިފައި ވާއިރު، އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި 1200 ކޭސް އެބަ އުޅެއެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 232 މީހަކު މިހާތަނަށް ރަނގަޅުވެފައި ވާއިރު، މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 5 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެކެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް މިމަހު 28 ވަނަ ދުވަހު ލޮކްޑައުންގެ މުއްދަތު ހަމަވުމާއެކު، ލޮކްޑައުން އަށް ލުޔެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.