ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 5 އަކަށް އަރައިފިއެވެ.
ދަރިބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރޭ އައިޖީއެމްއެޗަށް މަގުމަތީގައި ވެއްޓިފައި އޮތް ބަންގްލަދެޝްމީހަކު ގެންދެވުނު ކަމަށާއި އެމީހާ މަރުވެފައިވާ ކަަމަށެވެ. އަދި އެމީހާ ކޮވިޑަށް ޓެސްޓު ކުރި އިރު އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރޭ މަރުވި ބަންގްލަދޭޝް މީހާ އާ އެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5 އަށް އަރާފައެވެ. މަރުވި މީހުންގެ އިތުރު ތަފްސީލަށް ބަލާއިރު ރާއްޖެއިން މި ބަލީގައި މަރުވެފައި ވަނީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ. އޭގެތެރޭގައި ހިމެނެނީ އެއް އަންހެނަކާ 4 ފިރިހެނުންނެވެ.
ފުރަތަމަ މަރު (ކޭސް 280: 83 އަހަރުގެ ދިވެހި އަންހެނެއް)
ރާއްޖެއިން ކޮވިޑް ޖެހިގެން އެންމެ ފުރަތަމަ މީހާ މަރުވެފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ ކޭސް 280 އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ޓެސްޓު ހެދި ނަތީޖާ ނުލިބެނީ އޭނާ ވަނީ މަރުވެފައި ކަމަށް އެޗްޕީޢޭއިން ބުނެފައި ވެއެވެ. އަދި އޭނާގެ ނަތީޖާ ލިބުނު އިރު މިބައްޔަށް އެނާ ވަނީ ޕޮޒިޓިވްވެފައެވެ.
ކޮވިޑް ޖެހި އުމުރުން 83 އަަހަރުގެ މީހަކު މަރުވެފައި ވާއިރު، އޭނާއަށް އަޅާ ނުލެވި ލަސްވެގެން ދިޔަ ކަމުގެ ޝަކުވާތައް އޭނާގެ އާއިލާގެ ފަރާތުން ހާމަކޮށްފައި ވެއެވެ. އެގޮތުން އޭނާ ބަލިކަމާ، އޭނާއާ ގުޅޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރަމުން ގެންދިޔަ ނަމަވެސް ފަރުވާ ކުޑަކުރިކަމުގެ ތުހުމަތު ކޮށްފައި ވެއެވެ.
ދެވަނަ މަރު (ކޭސް: 552: 22 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް)
ރާއްޖެއިން ކޮވިޑް ޖެހިގެން ދެވަނަ މީހަކު މަރުވެފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އެއީ ކޭސް 552 އުމުރުން 22 އަހަރުގެ ބަންގްލަދޭޝަ ފިރިހެނެކެވެ. އޭނާއަކީ އެމްއެންޑީއެފްގެ ކަޅުތުއްކަލާ ކޮށީގެ ބަދިގޭގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފިޓް ޖެހިގެން ނެވެ.
ފިޓު ޖެހިގެން އޭނާ މަރުވެފައި ވާއިރު އޭނާގެ ގައިން ބަލީގެ އަލާމާތް ހުރިކަމެއް ނެތް ކަން ސާފުވާ ގޮތެއް ނުވެއެވެ.
ތިންވަނަ މަރު (ކޭސް 81: 80 އަހަރުގެ ދިވެހި ފިރިހެނެއް)
ރާއްޖެއިން ކޮވިޑް ޖެހިގެން ތިންވަނަ މީހަކު މަރުވެފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އެއީ ކޭސް 81 އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ސާމްޕަލް ނެގި ޓެސްޓުކޮށް ނަތީޖާ ޕޮޒިޓިވްކަން އެނގިފައިވަނީ މި ދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.
މި މީހާ އަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން އަހަރުގެ މުއްދަތަކަށް ބެޑްރިޑެން ގައި އޮތް މީހެކެވެ. އަދި އޭނާއަކީ ހަކުރު ބަލި، ލޭ މައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން ފަދަ ބަލިތައް ހުއްޓެވެ. އަދި ނިއުމޯނިއާގެ ކަންކަންވެސް ދޭތެރެ ދޭތެރެއިން ދިމާވާ މިހެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.
ހަތަރުވަނަ މަރު (ކޭސް 300: 88 އަހަރުގެ ދިވެހި ފިރިހެނެއް)
ރާއްޖެއިން ކޮވިޑް ޖެހިގެން ހަތަރުވަނަ މީހަކު މަރުވެފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ ކޭސް 300 އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ސާމްޕަލް ނެގި ޓެސްޓުކޮށް ނަތީޖާ ޕޮޒިޓިވްކަން އެނގިފައިވަނީ މި ދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.
މި މީހާ އަކީ މަރޮށީ މަރުހޫމް ހުސައިން ޢަބްދުﷲ ނުވަތަ މަރޮށީ ހުސައިން ކަލޭފާނެވެ. އޭނާ ބަލި ޖެހިގެން އެޑްމިޓް ކޮށްފައި ވަނީ އޭނާގެ އަނަހެނުން މި ބަލީގައި ނިޔާވި ދުވަހުއެވެ. އޭނާގެ އަނެހެނުންނަކީ މި ބަލީގައި އެންމެ ފުރަތަމަ މަރުވި ކޭސް 280، 83 އަހަރުގެ އަންހެން މީހާއެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން 5 މީހުން މަރުވެފައި ވާއިރު މިހާރު ބަލި ޖެިފައިވާ މީހުންގެ އަދަދު ވަނީ 1438 އަށް އަރާފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި 1200 ކޭސް އެބަ އުޅެއެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 232 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.