މަރުވެފައި އޮއްވާ މަގުމަތިން ފެނުނު މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ކުރުމުން ކޮވިޑަށް ޕޮޒިޓިިވް ވެއްޖެއެވެ. މިޙާރު ދަރުބާރުގޭގައި ކުރިއަށްދާ ޕްރެސްކޮންފަރެންސްގައި ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ހޭވެރިކަން ނެތި މަގުމައްޗަށް ވެއްޓިފައި އޮއްވާ ކަމަށާއި ގެންދިޔައިރު ވަނީ މަރުވެފައި ކަމަށެވެ.

އެންއޯއީސީން ބުނީ އޭނާ ވަޒީފާ އަށް ނުނުކުންނަތާ ދެ މަސްވެފައިވާ ކަމަށާއި އޭނާ އަކީ ހިތުގެ ބަލީގެ މީހެއް ކަމަށެވެ.

އޭނާގެ މަރާ އެކު، ރާއްޖެ އިން ކޮވިޑް ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 5 އަށް އެރީއެވެ.

"ރޭގެ 10:45 ގައި ބަންގުލަދޭޝް ބޭފުޅަކު ހޮސްޕިޓަލަށް ގެންދެވުނު، މަގުމަތިން ފެނިގެން ގެންދިޔައީ، ގެންދެވުނު އިރު ވަނީ ނިޔާވެފައި"
މަބްރޫކް

މަރުވި މީހާގެ ކޮންޓެކްޓް ޓްރޭސިން މިހާރު ކުރިއަށް ދާ ކަމަށާއި އެގޮތުން 4 މީހަކު މިހާރު ފެނިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މަރުވި މީހާއަކީ ދިވެއްސަކާއެކު އަމިއްލަ މަސައްކަތް ކުރާ މީހެއް ކަމަށާއި ރޭ 10 ޖެހި އިރު އޭނާ ފަރީދީ މަގުގައި ހުރި ތަނަކަށް ދިޔަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ވާަކަމަށްވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭނާ ދިޔައީ ކޮންތާކަށް ކަމެއް ހާމައެއް ނުކުރައްވައެވެ.

"މިހާރު މަސައްކަތަށް ނުނުކުންނަތާ 2 މަސް ވެދާކެ ކަމަށާއި، ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ފަރާތުން ނުފެންނަ ކަމަށް އޭނާ ދަންނަ މީހުންގެ ފަރާތުން އެނގިފައިވޭ"
މަބްރޫކް

މަބްރޫކު ވިދާޅުވީ އޭނާ ދިރިއުޅެމުން ދިޔައީ ބަންގްލަދޭޝްގެ ބަޔަކާއެކުގައި ކަމަށާއި އެއީ ކޮންޓެއިންމަންޓް ސައިޓެއް (ބަލަހައްޓަމުން ދާ ތަނެއް) ނޫން ކަމަށެވެ.

މަގުމައްޗަށް ވެއްޓި މީހަކު މަރުވެފައި ވާއިރު، މާލެއިން ކޮވިޑް ފެންނަން ފެށިތާ ކައިރީގައި އެހެން ބިދޭސީއަކުވެސް މަގުމައްޗަށް ވެއްޓި ވަނީ މަރުވެފައެވެ. އޭރު މަރުވި މީހާއާ ގުޅޭ ގޮތުން އެންއީއޯސީން ބުނެފައިވަނީ ކޮވީޑްގެ އެއްވެސް އަލާމާތެއް އޭނާގެ ނެތް ކަމަށެވެ.

އޭނާގެ އިތުރުން، ދިވެއްސަކުވެސް މަގުމައްޗައް ވެއްޓިގެން ހޮސްޕިޓަލަށް ގެންގޮސްފައި ވެއެެވެ.