ކޮވިޑް-19 މާލޭގައި ފެތުރެމުންދާތީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން ރަށަށް ދާން މާލެއަށް އައިސް ތާށިވެފައިވާ މީހުންގެ ތެރެއިން ނަން ނޯޓުކުރި ރިސޯޓު މުވައްޒަފުންގެ 26 މީހަކަށް ނުގުޅޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މާލެ ލޮކްޑައުންކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު ލޮކްޑައުންގެ ހާލަތަށް ގެނައި އިރު މާލޭގައި ތާށިވެފައި ތިބި އެތައް ބަޔަކު ރަށަށް ނުދެވި ތިބި ކަމުގެ ޝަކުވާތައް އައީ ކުރަމުންނެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ރިސޯޓް މުވައްޒަފުން ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މާލޭގައި ތާށިވެ ރަށަށް ނުދެވިފައި ތިބި ރސޯޓު މުވައްޒަފުން ނަން ނޯޓުކުރަން ހުޅުވާލުމުން ޖުމްލަ 582 ފަރާތެއް ނަން ނޯޓު ކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 80 ފަރާތަކީ އެ ލިސްޓުން އުނިކޮށްފައިވާ ފަރާތްތައް ކަމަށާއި އެއީ ރިސޯޓު މުވައްޒަފުންތޯ ވެރިފައި ކުރި މަރުހަލާގައި އުނިކުރި މީހުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
އެއަށް ފަހު ސައްހަ ލިސްޓެއް ތައްޔާރު ކުރި އިރު ނަން ނޯޓު ކުރި 502 މުވައްޒަފުން ތިބި ކަމަށާއި މިހާރު އޭގެތެރެއިން 467 މުވައްޒަފުން ކަރަންޓީން ފެސިލިޓީތަކަށް ފޮނުވާލެވިފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ. ސައްހަ ލިސްޓުގައި ތިބި 502 މުވައްޒަފުންގެ ތެރެއިން މިހާރު ކަރަންޓީން ފެސިލިޓީއަށް ނުގެންދެވި ތިބީ 35 ފަރާތެއް ކަމަށާއި އޭގެތެރެއިން 26 ފަރާތަކީ ޓޫރިޒަމް މިނިސްޓްރީން އެފަރާތްތަކަށް ގުޅަން މަސައްކަތް ކުރުމުންވެސް އަދި ނުގުޅި ތިބި ފަރާތްތަކެވެ. އަދިވެސް އެ ފަރާތްތަަކަށް ގުޅަން މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްްޓްރީން ބުނެއެވެ.
މާލެ ލޮކްޑައުންގެ ހާލަތަށް ބަދަލު ކުރި އިރު މާލޭގައި ތާށިވެފައި ތިބީ ރިސޯޓު މުވައްޒަފުން އެކަންޏެއް ނޫނެވެ. ބޭސް ފަރުވާއަށް މާލެއަށް އައިސްތިބި އެތައް އާއިލާއެއްވެސް ތިބީ ތާށިވެފައެވެ. އެ ގޮތުން މާލޭގައި ތިބި މީހުން ރަށްރަށަށް ދިއުމަށް އެދި ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު 5000 އަށް ވުރެ ގިނަ މީހުން ޝަކުވާ ހުށަހަޅާފައި ވެއެވެ. އޭގެތެރޭގައި މާލޭގައި ތާށިވި މީހުންގެ އިތުރުން މާލީ ހާލަތު ދަށްވުމުގެ ސަބަބުން އެނބުރި ރަށަށް ދާން ބޭނުންވެގެން ޝަކުވާ ހުށަހެޅި ފަރާތްތައްވެސް ހިމެނެއެވެ.