ކޮވިޑް-19އާ ގުޅިގެން ކަސްޓަމަރުންނަށް ދިމާ ވަމުންދާ ތަދިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް އަށް ފޯރުކޮށްދީފައިވާ އޮފާ ތަށް ޖޫން މަހުވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މާޗް މަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ހިސާބުންފެށިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް ހިލޭ އިތުރު ޑޭޓާ އަދި ޑިސްކައުންޓް ދެމުންނެވެ. މި ދުވަސްވަރަކީ ހުރިހާ އެންމެންވެސް ގޭގައި ތިބެން ޖެހިފައިވާ ދުވަސްވަރެއް ކަމުގައި ވުމުން، ޑޭޓާ ބޭނުން ކުރާވަރު ވަނީ ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައިއެވެ.

އެހެންކަމުން، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ކުރިން ފޯރުކޮށްދެމުން އައި އޮފާތައް ޖޫން މަހުވެސް ފޯރުކޮށްދިނުމަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައިއެވެ.

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް

ދިރާގުން ބުނީ ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓާއި 140 ޕަސެންޓާ ދެމެދުގެ ހިލޭ އިތުރު ޑޭޓާ ޖޫން މަހުގައިވެސް ލިބިގެންދާނެ ކަމަށެވެ. އަދި މާޗް މަހުން ފެށިގެން ދެމުންއައި ޑޭޓަ ބޫސްޓާތަކުން 50 ޕަސެންޓް ޑިސްކައުންޓް ޖޫން 15 އާ ހަމައަށް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގު މޮބައަލް ކަސްޓަމަރުންނަށް

މޮބައިލް ޕޯސްޓްޕެއިޑް: ދިރާގުން ބުނީ ހުރިހާ މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 50ޕަސެންޓާއި 75 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ ޖޫން މަހުގައިވެސް ލިބިގެންދާނެ ކަމަށެވެ. އަދި މާޗް މަހުން ފެށިގެން ދެމުންއައި ޑޭޓަ ބޫސްޓާތަކުން 50 ޕަސެންޓް ޑިސްކައުންޓް ޖޫމް 15 އާ ހަމައަށް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

މޮބައިލް ޕްރީޕެއިޑް: ދިރާގުން ބުނީ މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުން ބައްލަވައިގަންވާ މަންތްލީ ޑޭޓާ އެޑް-އޮން އަށް 50 ޕަސެންޓް އިތުރު ޑޭޓާ ޖޫން 15 އާ ހަމައަށް ލިބިގެންދާނެ ކަމަށެވެ. އަދި ވޮއިސް އެޑް-އޮންތަކުން ޖޫމް 15 އާ ހަމައަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މަމެން: ދިރާގުން ބުނީ މަމެންގެ ހުރިހާ ޑޭޓާ ބަންޑަލްތަކުން ޖޫން 15 އާ ހަމައަށް 20 ޕަސެންޓް އިތުރު އެލަވަންސް ލިބިގެންދާނެ ކަމަށެވެ.

މޮބައިލް ހޯމް ބްރޯޑްބޭންޑް: ދިރާގުން ބުނީ، ހުރިހާ އެލްޓީއީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޑޭޓާ ބޫސްޓާ ތަކުން ޖޫން 15 އާ ހަމައަށް 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

ދިރާގުން ދަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ.