ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު ދިރިއުޅުއްވާ ގެތައް މޮނިޓަރިން އަށް ލާފައި ވާތީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައި ނުގެންނެވުނު ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވައި ދެއްވައި ހާޒިރީ އިއުލާނު ކޮށްދެއްވަމުން ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވީ 47 މެންބަރުން ކަމަށާއި އޭގެ ތެރެއިން 5 މެންބަރުން ތިއްބެވީ މޮނިޓަރިންގެ ހާލަތުގައިވާ ގޭގޭގައި ކަމަށެވެ.
އެހެން ކަމުން އެ މެންބަރުންނަށް ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވިފައި ނުވާކަމަށާއި ނަމަވެސް އެއީ ކޮން ފަސް މެންބަރުންނެއް ކަން ވިދާޅުވެފައި ނުވެއެވެ.
މިއަދުގެ ޖަލްސާއަށް މެންބަރުން ވަޑައިގަތީ މާސްކު އަޅުއްވައިގެންނެވެ.
މާސްކް އެޅުމުގެ އިތުރުން މިއަދުގެ މަޖިލީސް ފަށާފައި ވަނީ ކޮވިޑް-19އާ ގުޅޮގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދުރުކަން ބަހައްޓައިގެންނެވެ. މޭޒެއްގައި ވެސް އެއް މެމްބަރު އިންނަވާއިރު ބާކީ މެމްބަރުން ތިއްބެވީ ވަކިން ގައިދުރު ކަމާ އެކު ވަކިން ބަހައްޓާފައި ހުރި ގޮނޑިތަކުގައެވެ. ކޮންމެ މެންބަރެއްގެ ދޭތެރޭ މަދުވެގެން ދެ މޭޒު ދޫކޮށްފައި ވެއެވެ.
މިއަދުގެ ޖަލްސާގައި ބަހުސް ކުރީ އަންނަ މަހު 2 ވަނަ ދުވަހު ދައުރު ހަމަވާ ކައުންސިލް ތަކުގެ ދައުރާ ގުޅިގެން ގާނޫނު އަސާސީ އަށް ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއް ގެނައުމާ ގުޅޭ ގޮތުންނެވެ.