މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިމެން ވާއިރަށް މާސްކް އަޅައިގެން ވާހަކަ ދައްކަން ފަރިތަވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ޖަލްސާ މާސްކް އަޅުއްވައިގެން ފައްޓަވާފައި ވާއިރު، ބައެއް މެންބަރުން މާސްކާއެކު ވާހަކަ ދެއްކުމުގައި އުނދަގޫތަކާ ކުރިމަތިވާ ކަމަށް ވިދާޅުވެ އެ ވާހަކަ ދައްކަވާފާވާތީ ރައީސް ނަޝީދު ވިދާޅުވީ މާސްކާއެކު ވާހަކަ ދައްކަވަން ފަރިތަވާނެ ކަމަށެވެ.

މިއަދުގެ މަޖިލީސް ނިމުމުގެ ކުރިން ފަރިތަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު، ވާހަކަ ދެއްކުމުގައި މާސްކް ވެއްޓޭ ކަމަށް ބައެއް މެންބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.

މެންބަރުންގެ އެވާހަކަ ތަކާ ގުޅިގެން ނަޝީދު ވިދާޅުވީ، މާސްކު އަޅައިގެން ވާހަކަ ދައްކަވަން ޖެހޭ ގޮތުގެ "ޓިޕްސް" ނުވަތަ ހުނަރު މެންބަރުންނަށް ވިދާޅުވެ ދެއްވާފައެވެ. ނަޝީދު ވިދާޅުވީ މާސްކު އަޅުއްވައިގެން ވާހަކަ ދައްކަވާ އިރު މޫނުމަތީގެ އިތުރު ހަރަކާތްތައް ނުވަތަ މޫނުމަތީގެ ވައްތަރުތައް ކުޑަކޮށްލެއްވީމައި ވަރަށް ފަސޭހަ ވާނެ ކަމަށެވެ.

މެންބަރު އަލީ ނިޔާޒު

މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން އަޅުއްވައިގެން ތިއްބެވި މާސްކު ކުޑަކަން ފާހަގަ ކުރެވެއެވެ. އެގޮތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވާހަކަ ދައްކވަމުން ގެންދެވި އިރު އެނާގެ މާސްކު އިރުއިރުކޮޅާ ނޭފަތްމަތިން ނެއްޓި ދަތްދޮޅުދޮށުންވެސް ނެއްޓެއެވެ.

މާސްކް އެޅުމުގެ އިތުރުން މިއަދުގެ މަޖިލީސް ފަށާފައި ވަނީ ކޮވިޑް-19އާ ގުޅޮގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދުރު ކުރުކަން ބަހައްޓައިގެންނެވެ. މޭޒެއްގައި ވެސް އެއް މެމްބަރު އިންނަވާއިރު ބާކީ މެމްބަރުން ތިއްބެވީ ވަކިން ގައިދުރު ކަމާ އެކު ގޮނޑިތަކުގައެވެ. ކޮންމެ މެންބަރެއްގެ ދޭތެރޭ މަދުވެގެން ދެ މޭޒު ދޫކޮށްފައި ވެއެވެ.

މިއަދުގެ ޖަލްސާގައި ބަހުސް ކުރެވެމުން ދަނީ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވާ، އަންނަ މަހު 2 ވަނަ ދުވަހު ދައުރު ހަމަވާ ކައުންސިލް ތަކުގެ ދައުރާ ގުޅިގެން ގާނޫނު އަސާސީ އަށް ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއް ގެނައުމުގެ ބަހުސް ކުރާށެވެ.