ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އެތެރޭގެ އުދުހުންތައް ހުއްޓާލާފައި އޮތުމަށް ފަހު އަވަށްޓެރި އިންޑިއާގައި މި އޮޕަރޭޝަންތައް ފެށިތާ އަދި މާ ގިނަ އިރެއް ނުވެއެވެ. މި ފުރުސަތު ބޭނުން ހިފާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، މީގެ ތެރޭގައި ހިމެނުނު އެކަކީ އުމުރުން އެންމެ 5 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެކަނި މައި އެކަނި، ވެރިރަށް ނިއުދިއްލީއިން ބެންގަލޫރަށް މި ކުއްޖާ ދަތުރުކުރީ ފާއިތުވީ 3 މަހެއްހާ ދުވަހު އެ މީހަކާ ނޫލާ އޭނާގެ ހަޔާތުގެ ދުވަސްތައް ގުނި، ލޯބިވާ މަންމަ ގާތަށް ދިއުމަށެވެ.

ސްޕެޝަލް ކެޓަގަރީގެ ޓިކެޓެއްގައި ގިނިކަންޏާ އުދުހުނު ވިހާން ޝަރުމާއާއި އޭނާގެ މަންމައާއި ބައްދަލުވީ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ގައުމު ލޮކްޑައުންއަށް ދިޔައިރު އޮތް އެންމެ ފަހު ފްލައިޓްތަކުން ޖާގަ ނުލިބި، ދެމައިން ދެތަންވީއެވެ.

އިންޑިއާއިން އެތެރޭގެ އުދުހުންތައް ފެށިކަމުގައި ވީ ނަމަވެސް، ބައެއް ސްޓޭޓްތަކުން އަދިވެސް ދަނީ މިކަމަށް ފަސްޖެހެމުންނެވެ. ނަމަވެސް އިންޑިއާއިން މި އޮޕަރޭޝަންތައް ފަށާފައިވަނީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅު ތަކަކާ އެކުގައި ކަންވެސް ފާހަގަ ކުރަންޖެހެއެވެ. ހުރިހާ ފަސެންޖަރުން ވަކިވަކީން ސްކްރީން ކުރެއެވެ. ދަތުރު ކުރެވެނީ ބަލީގެ އެއްވެސް އަލާމާތެއް ނެތް ފަސެންޖަރުންނަށެވެ. އެއާޕޯޓާއި ފްލައިޓްތަކުގެ ހުރިހާ ތަނެއް ކޮންމެ ބައި ގަޑިއިރަކުން ޑިސްއިންފެކްޓް ކުރެއެވެ. އިޖުތިމާއީ ގައިދުރުކަމާ، މާސްކު ބޭނުން ކުރުން ފަދަ ފަރުދީ ޒިންމާވެސް އޮވެއެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުންދަނީ ބައިނަލްއަގުވާމީ މަސްރަހުގެ ހާލަތަށް ރިއާޔަތްކޮށް، އިންޑިއާގެ ވައިގެ ބަނދަރުތައް، ބައިނަލްއަގުވާމީ ފްލައިޓްތަކަށް ހުޅުވާލުމަށެވެ. އަންނަ ޖޫން މަހުގެ ތެރޭގައިވެސް މިކަން ވެދާނެ ކަމުގެ އިޝާރާތެއް އިންޑިއާއިން ވަނީ ދީފައެވެ.