ރާއްޖެއިން ކޮރޯނާވައިރަސް ފެނި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަން އިއުލާނު ކުރި ފުރަތަމަ ކްލަސްޓާ (ޖަރީމާގެ ކްލަސްޓާ) ގައި ހިމެނޭ 21 ވަނަ ކޭސް އާ ގުޅުންހުރި އެންމެން ރަނގަޅު ވެއްޖެއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އާއިލާ އިން ޕޮޒިޓިވް ވެފައި ވަނީ ފަސް މެންބަރުންނެވެ. ކޮވިޑުން ރަނގަޅުވެ އާއިލާގެ އެންމެން އަނބުރި ގެއަށް ގޮސްފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިމަހުގެ 23 ވަނަ ދުވަހު ވަނީ 24 ވަނަ ކޭސް އާއި 25 ވަނަ ކޭސް ރަނގަޅު ވެފައެވެ. ކޭސް 22 އާއި ކޭސް 23 ވަނީ މިމަހުގެ 7 ވަނަ ދުވަހު ރަނގަޅު ވެފައެވެ، އަދި އެންމެ ފުރަތަމަ މާލެއިން ކޮވިޑް ޖެހުނު މީހާ (21 ވަނަ ކޭސް) މިމަހުގެ 21 ވަނަ ދުވަހު ވަނީ ރަނގަޅު ވެފައެވެ.

ޖަރީމާގެ ކްލަސްޓާ ފެންނަ ޑޭޝްބޯޑުގެސްކްރީންޝޮޓެއް

ޖަރީމާގެ ކްލަސްޓާގައި އިއުލާނު ކޮށްފައި ވަނީ ކޭސް 21، 35 އަހަރުގެ އަންހެނަކާއި، ކޭސް 24، 46 އަހަރުގެ ފިރިހެނަކާއި ކޭސް 25، 15 އަހަރުގެ އަންހެން ކުއްޖަކާއި ކޭސް 22، 2 އަހަރުގެ ފިރިހެން ކުއްޖަކާއި، ކޭސް 23، 42 އަހަރުގެ އަންހެނެކެވެ.

ކޮވިޑް ރާއްޖޭގައި ފެރުރެން ފެށި ފަހުން މިއަދާ ހަމައަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 1395 އަށް އަރާފައި ވާއިރު މިއަދާ ހަމައަށް ރަނގަޅުވި ޖުމްލަ އަދަދު ވަނީ 154 އަށް އަރައިފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.