ނައިފަރު ކައުންސިލް ހިންގުމުގައި އިހުމާލުވަމުން ދާތީ ކަމަށް ބުނެ ކައުންސިލްގެ ރައީސް މުހައްމަދު ކަރީމަށް 30 ދުވަހުގެ ނޯޓިސްއެއް ދީފިއެވެ.

ނައިފަރު ކައުންސިލްގެ ރައީސްއަށް 30 ދުވަހުގެ ނޯޓިސްއެއް ދީފައިވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީއިން 29 ޖޫން 2016 ގައި އާންމު ކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތިން ރަށެއްގެ ކައުންސިލަރެއް ނުވަތަ ނައިބު ރައީސެއްގެ، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އުސޫލުގައި ވާ ގޮތުގެ މަތިން ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.

ކައުންސިލް ރައީސްގެ މަގާމުގައި ހުންނަވައިގެން ލާމަރުކަޒީ ގާނޫނުގެ ރޫޙާ އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހްމާލުވަމުން ދާތީ ކަމަށް ބުނެ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ނައިފަރު ކައުންސިލްގެ ރައީސް ކާރިމަށް ލިޔުމުން ދީފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އުފައްދަން އަންގާފައިވާ ރަށު އެމަޖަންސީ އޮޕަރޭޓިން ސެންޓަރާއި (އީއޯސީ)، އެ ސެންޓަރަށް ލަފާދޭ ކޮމިޓީއާއި، ޓާސްކްފޯސް އުފެއްދުމެއް ނެތި، ކައުންސިލްގެ ރައީސަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންކަން ކުރައްވަމުން ގެންދާ ވަކަމަށާއި އެކަމާ ގުޅިގެން ނައިފަރު ރައްޔިތުންގެ ގިނަ ބަޔަކު އެކަމަށް ފާޑުކިޔާފައިވާ ކަަމަށް ކައުންސިލުން ބުނެއެވެ. ކޮވިޑާ ގުޅިގެން ނައިފަރުގައި ކުރެވެމުން ދިޔަ މަސައްކަތްތަކުގައި ނައިފަރުގެ މަދަނީ ޖަމިއްޔާތައް ބައިވެރިކުރުމަށް ކައުންސިލްގެ ރައީސް އިންކާރު ކުރައްވާފައިވާ ކަމަށާއި މި މައްސަލާގައި މަދަނީ ޖަމިއްޔާތަކުން ވެސް ދިޔައީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް ކައުންސިލުން ބުނެއެވެ.

މިކަމާ ގުޅިގެން މަޝްވަރާކުރުމަށް ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް ކައުންސިލްގެ މެމްބަރުން އެދިވަޑައިގަތުމުން އެފަދަ ބައްދަލުވުމެއް ވެސް ބާއްވައި ދީފައި ނުވާ ކަމަށާއި، އަދި މި މައްސަލާގައި މަޝްވަރާ ކުރުމަށް ކައުންސިލްގެ ޖަލްސާއެއް ބާއްވައި ދިނުމަށް ކައުންސިލްގެ މެމްބަރުން އެދިވަޑައިގަތުމުން އެކަމަށްވެސް ކައުންސިލްގެ ރައީސް ދެކޮޅު ހައްދަވާފައި ވާކަމަށް ކައުންސިލްގެ މެމްބަރުން މަޢުލޫމާތު ދީފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ނައިފަރު ކައުންސިލް ރައީސްގެ މިއަމަލުތަކާ ގުޅިގެން ލޯކަލް ގަރަމަންޓް އޮތޯރިޓީން ވަނީ ނައިފަރު ކައުންސިލްގެ ރައީސަށް ނަސޭހަތް ދީފައި ކަަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

މިކަންކަމުގައި ނައިފަރު ރައްޔިތުންގެ ފަރާތުން ލިބެމުން ދިޔަ ޝަކުވާތަކާ ގުޅިގެން ނައިފަރު ކައުންސިލްގެ ކުއްލި ޖަލްސާއެއް ބާއްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ އެންގުމާ އެއްގޮތަށް ރަށު އީއޯސީ އާއި، ލަފާދޭ ކޮމިޓީ އަދި ރަށު ޓާސްކްފޯސް މިހާރު ވަނީ އެކުލަވާލާފައި ކަމަށް ކައުންސިލުން ބުނެއެވެ.

އެގޮތުން ކައުންސިލުން ބާއްވާ ބައްދަލުވުންތަކަށް ދައުވަތު ދިން ނަމަވެސް ކައުންސިލްގެ ރައީސް ބައްދަލުވުންތަކާއި ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށާއި ކައުންސިލްގެ އެކިއެކި ލިޔެކިޔުންތަކުގައި ސޮއިކުރުމަށްވެސް ނައިފަރު ކައުންސިލްގެ ރައީސް ގެންދަވަނީ ދެކޮޅު ހައްދަވަމުން ކަމަށް ކައުންސިލުން ބުނެއެވެ. އެހެންކަމުން ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިފައި ވުމުން މިވަގުތު ކައުންސިލް ހިންގުމުގެ ޒިންމާ އުފުލަމުން ގެންދަނީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހިދު ކަމަށް އެ ކައުންސިލުން ބުނެއެވެ.

ނައިފަރު ކައުންސިލްގެ ރައީސަށް ނޯޓިސް ދޭން ފާސްކުރީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހިދު އަބްދުﷲ އާއި ކައުންސިލް މެންބަރު އަބްދުﷲ ސާމިރާއި ކައުންސިލް މެންބަރު ވިދާދު އަބްﷲ އެވެ. އެ ކައުންސިލްގައި ޖުމްލަ 5 މެންބަރުން ތިބެއެވެ.