މާދަމާ މަޖިލީހުގަ ޖަލްސާ ބާއްވަން މަޖިލީހުން އެންއީއޯސީއާ މަޝްވަރާ ނުކުރާ ކަމަށް ކޮވިޑް ތަރުޖަމާ މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލު ވުމުގައި މަބްރޫކު ވިދާޅުވީ، މާދަމާ މަޖިލީހުގައި ބާއްވަން އުޅޭ ޖަލްސާއާ ގުޅޭ ގޮތުން މަޖިލީހުގެ ފަރާތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާ މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ އިދާރާއިން އެންއީއޯސީއަށް ފޯނުކޮށް ލޮކްޑައުން ނިމޭ ދުވަހާ ގުޅޭ ގޮތުން އޮޅުން ފިލުވި ކަމަށާއި، މާދަމާގެ ޖަލްސާއާ ގުޅޭ ގޮތުން ރަސްމީ ހައިސިއްޔަތެއްގައި މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.

މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ކުރިން މަޖިލީހަށް މެންބަރުން ހާޒިރުކޮށްގެން ޖަލްސާއެއް ބާއްވަން ޖެހިވަޑައިގަންނަވާތީ މަޑުކުރެވެން ނެތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރަށް ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ. އެއާއެކު މާދަމާ މަޖިލީހުގެ ޖަލްސާ ބައްވަން ވަނީ ނިންމާފައެވެ.

ހާއްސަ ފިޔަވަޅު ތަކާއެކު ރައްޔިތުންގެ މަޖިލީހުގައި މާދަމާ ޖަލްސާއެއް ބާއްވަން ހަމަޖެއްސުމަށް ނިންމާފައި ވަނީ މިހާރު ލޯކަލް ކައުންސިލްގެ ދައުރު އަންނަ މަހުގެ 2 ވަނަ ދުވަހަށް ހަމަވާތީ އޭގެ ކުރިން ގާނޫނު އަސީސީއަށް އިސްލާހު ގެނެސް ނިންމަން ޖެހޭ ކަންކަން ނިންމުމަށް ކަމަށް ބުނެއެވެ.

އެހެންކަމުން މާދަމާ ޖަލްސާތައް ނުފަށާ އެ ތާރީހަށް ނިންމޭނެ ކަމަށް ދެކެވަޑައި ނުގަންނަވާތީ ޖަލްސާތައް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށް ގިނަ މެންބަރުން ދެކެވަޑައިގަންނަވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.