ރާއްޖެއިން އިތުރު 24 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު އިއުލާން ކުރި މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި، ބަންގްލަދޭޝް 18 މީހަކާއި އިންޑިއާ 2 މީހެކެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނާއެކު ޖުމްލަ އަދަދު 1395 އަށް އަރާފައި ވާއިރު މިއަދުވެސް ޕޮޒިޓިވް ވި މީހުނެގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.

މާލޭގައި ބިދޭސީން ދިރިއުޅޭ 33 ތަނެއް މޮނިޓާކޮށް ހަދަމުންދާ ކަމަށް ސަރުކާރުން ބުނެފައި ވާއިރު އަދިވެސް ގިނަ އަދަދެއްގެ ބިދޭސީން ތިބީ ކަރަންޓީނު ފެސިލިޓީއަކަށް ނުގެންގޮސް މާލޭގައެވެ. އެގޮތުން ފާހަގަ ވި އެއް ތަނަކީ، ހ. ފިލިކުރި ގެއެވެ. އެ ގޭގައި 65 ބިދޭސީން އުޅެއެވެ. އޭގެ ތެރެއިން 15 މީހަކު ފިޔަވާ އެންމެން ތިބީ މާލޭގައެވެ. ހަމައެގޮތަށް ގަލޮޅާއި މާފަންނުގައި ހުރި ދެގެއެއްގައި ޖުމްލަ 70 ވަރަކަށް ވިދޭސީން އެބަތިއްބެއެވެ.

ރާއްޖޭގައި ކޮވިޑާ ގުޅިގެން އައިސޮލޭޝަނާއި ކަރަންޓީނުގައިވެސް ގިނަ އަދަދެއްގެ ބަޔަކު އެބަތިއްބެއެވެ. އެގޮތުން ކަރަންޓީނުގައި 1656 މީހަކު ތިބި އިރު 1115 މީހަކު އައިސޮލޭޝަނުގައި އެބަތިއްބެވެ.

އައިސޮލޭޝަން ފެސިލިޓީތަކާއި ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ޖުމްލަ އަދަދު 2771 އަށް އަރާއިރު ކަރަންޓީނު ފެސިލިޓީއަކަށް ނުވަތަ އައިސޮލޭޝަން ފެސިލިޓީއަކަށް ނުގެންގޮސް މާލޭގެ ގޭގައިވެސް އެތައް ބަޔަކު އެބަ ތިއްބެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވާ މީހުން ފެނިފައިވާ، ގޭގޭގައިވެސް ގިނަ އަދަދެއްގެ ބަޔަކު އެބަތިއްވެއެވެ. އޭގެ ތެރެއިން ގިނަ ތަންތަނަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަންތަނެވެ.

ރާއްޖޭގައި ކޮވިޑް ޖެހި ރަނގަޅުވާ މީހުން އިތުރު ވަމުން އަންނަ އިރު، ގިނަ ބަޔަކު ރަނގަޅުވާން ގިނަ ދުވަސް ނަގަމުން ދާ ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ. އަދި މިހާރު ހަމަޖައްސާފައި އޮތީ ކުރިން 14 ދުވަސް ކޮށްފައި ޓެސްޓް ކުރި ނަމަވެސް 21 ދުވަސް ނުވަނީސް އަލުން ޓެސްޓް ނުކުރުމަށެވެ.