ހ. ވައިޖެހޭމަގުގައި ހުންނަ ފިލިކުރި ގެއަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ގެއެކެވެ. ގޭގައި ދިރިއުޅެނީ 65 ބިދޭސީންނާއި 3 ދިވެހިންނެވެ.

މީގެ 20 އަކަށް ދުވަސް ކުރިން، 3 ދިވެހިންގެ ތެރެއިން 2 މީހުން ކޮވިޑަށް ޕޮޒިޓިވިއެވެ. އޭރު އެތާނގައި އުޅޭ ބިދޭސީންގެ ޓެސްޓް ހެދިއިރު އެމީހުން ވީ ޕޮޒިޓިވް ވެފައެވެ.

ހ. ފިލިކުރިގޭގެ 1 އެޕާޓުމަންޓް ފިޔަވާ ދެން ހުންނަ 12 ވަރަކަށް ކޮޓަރީގައި އުޅެނީ ހުސް ބިދޭސީންނެވެ.

މާލޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް ހ. ފިލިކުރިގެއަށްވެސް އޮތީ ވަދެފައެވެ. އެ ގޭގައި ދިރިއުޅޭ 65 ބިދޭސީންގެ ތެރެއިން ޓެސްޓް ކުރި 15 މީހުންވެސް ވީ ޕޮޒިޓިވެވެ.

ފިލިކުރިގޭގައި ތަތްކުރި ރަތް އިންޒާރު

ގޭގެ ވެރިފަރާތުން "ދަ ޕްރެސް" އަށް ބުނީ، އެތާނގައި 65 ބިދޭސީން އުޅޭ އިރު ޓެސްޓް ކުރި 15 މީހުން ޕޮޒިޓިވް ވުމުން ބާކީ ތިބި މީހުން ޓެސްޓް ނުކުރީމައި ކަންބޮޑުވާ ކަމަށެވެ. އަދި އެކަމާ އެތައް ފަހަރަކު އެޗްޕީއޭއަށް ގުޅިކަމަށާއި ނަމަވެސް އަޅާނުލި ކަމަށެވެ. އޭނާ ބުނީ، އެޗްޕީއޭއިން އެދިގެން އެތާ ދިރިއުޅޭ ބިދޭސީންގެ ލިސްޓެސްވެސް ދިން ކަމަށެވެ.

މާލޭގައި ބިދޭސީން ދިރިއުޅޭ 33 ތަނެއް ދެނެގަނެވިފައިވާ ކަމަށް ސަރުކާރުން އޮތީ ބުނެފައެވެ. އަދި އެތަންތަން މޮނިޓާ ކުރަމުން ދާ ކަމަށާއި، ރޭންޑަމް ސާމްޕަލް ނަގާވާހަކަވެސް ބުންޏެވެ.

ނަމަވެސް ގޭގެ ވެރިފަރާތުން ބުނީ، އެފަދަ އެއްވެސް ކަމެއް އޭނާ އައިސޮލޭޝަނަށް ގެންދިއުމާ ހަމައަށް އެގޭތެރޭގައި ނުހިނގާ ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ، ޔަގީންވާ އެއްކަމަކީ، އެޗްޕީއޭއިން ބިދޭސީ ވެރިމީހާއަށް ގުޅީމައި އެތާނގައި ބަލި މީހަކު ނެތްކަމަށް އެ ބިދޭސީ ވެރިމީހާ ބުނުމުން އެޗްޕީއޭއިން އެކަން ގަބޫލުކޮށްލާ ކަމެވެ.

ފިލިކުރިގެ މޮނިޓަރިންއަށް ގެންދިޔަ އަމުރު

މިކަމާ ގުޅިގެން އެންއީއޯސީ އާ ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އެންއީއޯސީއަކީ، ކޮވިޑްގެ މިހާލަތުގައި މައުލޫމާތު ދިނުމާއި ކޮވިޑާ ގުޅޭ އެންމެހާ ކަންކަން ބަލަހައްޓާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރެވެ.

މާލޭގައި ބިދޭސީން އުޅޭ ގިނަ ތަންތަން ހުރި އިރު، ހ. ފިލިކުރި ގޭގާއި ދިމާވާ އެހެން މައްސަލައެއްވެސް އެބައޮތެވެ. އެއީ، އެގޭގައި އުޅޭ 3 ދިވެހިންވެސް އައިސޮލޭޝަނަށް ގެންގޮސްފައި ވުމާއި، ތިން މީހުންގެ ތެރެއިން އެކަކު ނެގެޓިވް ވެފައި ވިޔަސް އޭނާއަށް މާލެ އައިސް އެގެއަށް ވަދެވެން ނެތް މައްސަލައެވެ. އޭނާ ބުނީ، ރަނގަޅުވި ނަމަވެސް މާލެ ގޮސް އެގެއަށް ވަންނަން ނުކެރޭނެ ކަމަށެވެ. ސަބަބަކީ 65 ބިދޭސީން އުޅޭ ތަނަކުން ޓެސްޓް ކުރި އެންމެން ޕޮޒިޓިވް ވި އިރު ބާކީ ތިބި މީހުންވެސް ޓެސްޓް ކުރި ނަމަ ޕޮޒިޓިވް ވާނެ ކަމަށް ބެލެވޭތީ ކަމަށާއި، އެތާނގައި އެމީހުން އުޅެނިކޮށް ދާން ނުކެރޭތީ ކަމަށެވެ.

"އަޅުގަނޑު އެދެނީ އެމީހުން ކަރަންޓީނަށް ގެންދަން، ނޫނީ އެންމެން ޓެސްޓްކޮށްދޭން، އޭރުން ޔަގީން ވާނެ ތާ، އެހެން ނޫނީ މިހާރު ޔަގީން ކަމެއް ނެތް، އަހަރެމެން މާލެ ދިޔަޔަސް ވަންނަން މިޖެހެނީ އެއްކަލަ މީހުންގަނޑުތެރެއަށް، ގެއަށް ވަދެ ނުކުމެ ހަދަން ހުންނަނީ އެންމެ ދޮރެއް، އެހެންވީމާ ކިހާ ފަސޭހައިން އިންފެކްޓް ވާނެ، ވަރަށް ބިރުގަނޭ އެމައްސަލައިގައި"
ގޭގެ ވެރިފަރާތް

އެޗްޕީއޭގެ ފަރާތުން ގަވައިދުން ބާއްވަމުންދާ ޕްރެސް ކޮންފަރެންސްތަކުގައި ބުނަމުން ދަނީ ބީދޭސީން ކަރަންޓީނަށް ގެންދާ ވާހަކައެވެ. ނަމަވެސް ހ. ފިލިކުރިގެއިން ބިދޭސީން ނުގެންދާކަން ހާމަ ވި އިރު، ގަލޮޅުގައި ހުރި އެހެން އިމާރާތެއްގެ 2 ފަންގެފިލާއަކާއި މާފަންނުގައި ހުރި އިމާރާތެއްގެ 1 ފަންގެފިލާގައި އުޅޭ 70 ވަރަކަށް ބިދޭސީންވެސް ތިބީ ގޭގައެވެ. އެމީހުންވެސް ކަރަންޓީން ފެސިލިޓީތަކަށް ނުގެންދާކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ. އެ ދެ އިމާރާތުގައި އުޅޭ ބިދޭސީންގެ ތެރެއިންވެސް ވަނީ ޕޮޒިޓިވް ކޭސްތައް ފެނިފައެވެ.

ބިދޭސީން ދިރިއުޅޭ މިފަދަ އިމާރާތްތަކުން ކަރަންޓީނަށް އެމީހުން ނުގެންދިއުމުގެ އިތުރުން، އެ ދެ އިމާރާތް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތެއްވެސް އަދި ނުކުރެއެވެ. އެ ދެ އިމާރާތަކީ ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅޭ ދެ އިމާރާތެވެ.