މާލެ އިން ކޮވިޑް19 ވައިރަސް ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފު ވެގެން މިހާތަނަށް 282 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިހާތަނަށް 282 މީހަކު ހައްޔަރުކޮށްފައި ވާއިރު 234 މީހަކު އިއްޔެ ވެސް ލޮކްޑައުން އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އިއްޔެވެސް ވަނީ އަމުރާ ހިލާފު ވެގެން 6 މީހަކު ހައްޔަރު ކޮށްފައެވެ.

މިހާތަނަށް ލޮކްޑައުން އަމުރާ ހިލާފު ވެގެން 5259 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

މާލެއިން ކޮވިޑް19 ފެނިފައި ވުމުން މާލެ ސަރަހައްދު ލޮކްޑައުން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ލޮކްޑައުން މުއްދަތު އިތުރު ކޮށްފައި ވެއެވެ. އަދި ލޮކްޑައުންގެ މި މުއްދަތުގައި ބޭރަށް ނިކުތުމުގެ ހުއްދަ ދެނީ ފުލުހުންނެވެ. އެއީ ވަކި ހާއްސަ ހުއްދަ އެއް ދީގެންނެވެ. އަދި ޒަރޫރީ ބޭނުންތަކަށް ފިހާރަތަކަށް ދިއުމާއި ޑެލިވަރީ ކުރުމުގެ ހުއްދަތައް ވެސް ދެނީ ފުލުހުންނެވެ.

މި އަމުރާ ހިލާފުވާ މީހުންނަށް ފުލުހުން އަންނަނީ ގާނޫނީ ފިޔަވަޅުތައް އަޅަމުންނެވެ.