ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދީނަށް ހަޖޫ ޖެއްސެވި ކަމަށް މީހަކު ބުނި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާ ކަމަށް ބުނުމުން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑެތި މަގާމުތައް ލިބެނީ ލާދީނީ ޓެގު އެޅުވި މީހާ އަށް ކަމަށާއި ނިކަމެތި ރައްޔިތު މީހާ ދާން ޖެހެނީ ފުލުހަށް ކަމަށެވެ. އެކަމުގައި ރައީސް ނަޝީދުގެ ދިފާއުގައި އެމްޑީޕީން ބަޔާނެއް ނެރުނުއިރު ލާދީނީ ވާހަކަ އެންމެ ބޮޑަށް ދެއްކި މީހުންނާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮތީ ހަނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ބޮޑު ކެކުރި ކުޑަ ކެކުރީގެ ތަހުގީގު،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި، އެމަނިކުފާނު ރަސޫލާއަށް ނިސްބަތްކޮށް އިހާނަތިކޮށް ބަސް ވިދާޅުވި ކަމަށް ބުނެ ވާހަކަ ދައްކާފައިވާ މީހާއާ އޭނާގެ އިންޓަވިއު ގެނެސްދިން މީޑިއާއާ މެދު ތަހުގީގެއް ހިންގުމަށް ފުލުހަށާއި އަދި އެ މައްސަލާގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން މަޖިލީހުން ވަނީ އެދިފައެވެ.
ފުލުހުން ރޭ ބުނީ ރައީސް ނަޝީދާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް އިންޓަވިއުއެއްގައި ދެއްކި މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ސާފު ކުރަންޖެހޭ ކަންކަން ސާފުކުރަމުންދާ ކަމަށެވެ.
އެބުނާ ވީޑިއޯއަކީ މީގެ 7 އަހަރު ކުރިން ރ. އަނގޮޅިތީމުގެ މީހަކު ލައްވާ ބަޔަކު ކުރުވާފައި އޮތް ވީޑިއޯއެކެވެ. އެ ވީޑިއޯގައި ވާހަކަ ދައްކާ މީހާއާއި އިތުރު ބަޔަކު ސުވާލު ކުރީމާ އެ ސުވާލަށް ވާހަކަ ދައްކާ މީހާ ޖަވާބު ދެއެވެ. އެ ވީޑިއޯ އާންމު ކޮށްފައިވަނީ އަދާލަތު ޕާޓީގެ ޔޫޓިއުބު ޗެނަލްގައެވެ. އަދި އެ ވީޑިއޯ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓްވީޓް ކުރައްވާފައިވެސް ވެއެވެ.
"އަދާލަތު ކޮމިއުނިޓީ" ގެ ނަމުގައި ޖޫން 24، 2013 ގައި ހަދާފައި ވާ ޔޫޓިއުބް ޗެނަލްގައި އަދާލަތު ޕާޓީގެ ގިނަ ވީޑިއޯތަކާއި ޖުމްހޫރީ ޕާޓީގެ ރެލީތަކުގެ ވީޑިއޯވެސް އެބަހުއްޓެވެ.
މި ވީޑިއޯއާއި އަދި ޔޫޓިއުބު ޗެނަލްއާ ގުޅޭ ގޮތުން އަދާލަތު ޕާޓީން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.