ކޮވިޑް-19ގެ ލޮކްޑައުންގެ ދުވަސްތައް ގުނަމުންދާއިރު ސޯޝަލް މީޑިއާއިން އާދަޔާ ހިލާފު ޕޯސްޓެއް ނުފެންނަ ވަގުތުކޮޅެއް މަދުވާނެއެވެ. މިއީވެސް އެފަދަ ކަމެއްގެ ވާހަކައެވެ. މި ފަހަކަށް އައިސް އަވަށްޓެރި އިންޑިއާގެ ސޯޝަލް މީޑިއާ ވިއުގަ ގުގުމާލީ ފެހިބޮޅިލީ ކުކުޅު ބިސްތަކެއްގެ މަންޒަރުތަކުންނެވެ. މިކަންވީ، އާންމު ފަރުދުންގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުންގެ މުނޫމަތިގައި ސުވާލު މާކު ޖައްސާލި ކަމަކަށެވެ.
ފެހިގޮބޮޅި ކުކުޅު ބިހުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ވައިރަލް ވުމާއެކު ކޮންމެ މީހަކަށްވެސް ބުނެވެމުންދިޔައީ އެއީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ކުލަ ބަދަލުކޮށްފައިވާ މަންޒަރުތަކެއް ކަމަށެވެ. ހަގީގީ ގަތް ހޯދުމަށް އެތައް ބަޔަކު ކުރި މަސައްކަތުން ފޮޓޯގެ ވެރިފަރާތް ކަމަށްވާ އިންޑިއާގެ މައްލަޕޫރާމްގައި ކުކުޅު ގެންގުޅޭ އޭކޭ ޝިހާބުއްދީން އަތުޖެހުނެވެ. އާންމުންގެ ތުހުމަތުތަކަކީ ދޮގެއްކަން ސާބިތުކޮށްދިނުމަށް ޝިހާބުއްދީން ވަނީ ލައިވް ވީޑިއޯއެއްގައިވެސް ކުކުޅު ބިސްތަކެއް ތަޅައިގެން، އޭގައިވަނީ ފެހިކުލައިގެ ގޮބޮޅިކަން ހާމަކޮށްފައެވެ. ނަމަވެސް އޭނާއަށް ކުރިމަތިވަމުން އަންނަ ސުވާލުތަކަށް ދޭނެ ޖަވާބެއް ޚުދު ޝިހާބުއްދީންއަކަށްވެސް ނޭނގެއެވެ.
މީޑިއާއާއި ވާހަކަދައްކަމުން ޝިހާބުއްދީން ބުނީ މިކަން އެންމެ ފުރަތަމަ ފާހަގަވީ މީގެ 9 ވަރަކަށް މަސްދުވަސް ކުރިން ކަމަށެވެ.
"ފުރަތަމަ ފެނުނު ފަހަރު ވަރަށް ހައިރާންވި. އެއްވެސް ކަމަކަށް އެ ބިސްތައް ބޭނުންވެސް ނުކުރަން. އެ ކުކުޅު އެޅި ހުރިހާ ބިހެއްވެސް ހުރީ މިހެން. އެހިސާބުން ބިސްތައް ފީކުރަން ފެށިން. އެ ކުކުޅު އެޅި ބިސްތަކުގެ ތެރެއިން 6 ފިޔޮށް ވިއްސުނު. މީގެ ބައެއް ފިޔޮށްތައް ބޮޑުވެ ބައެއް ކުކުޅުތައް މިހާރު ބިސް އަޅަން ފަށައިފި. އެ ބިސްތައްވެސް ހުންނަނީ މިހެން" ޝިހާބުއްދީން ކިޔައިދިނެވެ.
އޭރު މި ބިސްތައް ބޭނުން ނުކުރި ކަމުގައި ވީ ނަމަވެސް، މިހާރު އޭނާއާއި އާއިލާއިންވެސް މި ބިސްތައް ބޭނުންކުރާ ކަމަށް ޝިހާބުއްދީން ބުންޏެވެ. އަދި އާދަޔާ ހިލާފު އެއްވެސް ނިޝާނެއް ނުފެންނަ ކަމަށްވެސް ޝިހާބުއްދީން ވަކާލާތު ކުރެއެވެ. އަދި މި ބިހުގެ ރަހަވެސް އެއްވެސް ވަރަކަށް ތަފާތު ނޫންކަމަށް އޭނާ ބުނެއެވެ.
އިންޑިއާގެ ވެޓްރިނަރީ އެންޑް ސައެންސަސް ޔުނިވާސިޓީގެ ޓީމަކުންވަނީ ޝިހާބުއްދީންގެ ކުކުޅު ކޮއްޓަށް ޒިޔާރަތްކޮށް މި އާދަޔާ ހިލާފު ބިސްތަކުގެ ސާމްޕަލްވެސް ނަގާފައެވެ.
ޑިޕާޓްމަންޓް އޮފެ ކެރެލާ ވެޓްރިނަރީ އެންޑް އެނިމަލް ސައެންސަސް ޔުނިވާސިޓީގެ ޕޯލްޓްރީ ސައެންސްގެ އެސިސްޓަންޓް ޕްރޮފެސާ ޑރ އެސް ސަންކަރަންލިންގަމް ވިދާޅުވީ މިއީ ކިހިނެއް ވާ ކަމެއްތޯ ބަލަން ބައެއް ޓެސްޓުތައް ހަދަން ފަށާފައިވާކަމަށާ، މިއީ ވަރަށް ވެސް އަދާޔާ ހިލާފު ކަމެއް ކަމަށެވެ. މިއީ ކުކުޅުތަކަށް ކާންދޭން ބޭނުން ކުރާ އެއްޗެއްގެ ސަބަބުން މެދުވެރިވާ ކަމެއްކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށްވެސް ޑރ ސަންކަރަންލިންގަމް ވަނީ ވިދާޅުވެފައެވެ.
ކަންމިހެން އޮތް ނަމަވެސް މިކަމާ ޝިހާބުއްދީންގެ ދެބަސްވުންތަކެއް އެބަހުއްޓެވެ. ޝިހާބުއްދީން ބުނާ ގޮތުގައި އޭނާގެ ކުކުޅުތަކަށް ކާންދެނީ ހަނޑުލާ، ކާށިތެޔޮ ކޭކުގެ އިތުރުން ގޭ ބަދިގެއިން ކުނީގެ ގޮތުގައި ބޭރު ކުރާ އޯގަނައިކް ވޭސްޓްއެވެ. އޭނާވެސް މިހާރު އިންތިޒާރުކޮށްގެން ހުރީ ލެބްގެ ނަތީޖާ އަންނާނެ ދުވަހަކަށެވެ.
މާގަދަ އަށް ވެޖް ކާންދެނީ????
ކެމިކަލް އަޅާފަ ހުންނަލެއް ގިނައީ
ކައޭ އަށް ބޮޑައް ޢެގޭނީ.