އީދު ނަމާދު ޖަމާއަތުގައި ކުރުމުގެ ހުއްދަ ނުދިނިމުން މިލަންދޫ ރައްޔިތުން އިހުތިޖާޖު ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ނައިބަ ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އަމަލު ކުރަމުން ދަނީ އިސްލާމިކް މިނިސްޓްރީން އަންގާފައިވާ އުސޫލުގެ ދަށުން ކަމަށާއި ރައްޔިތުންނަށްވެސް އެކަން އަންގާފައިވާނެ ކަމަށެވެ.

އިސަލާމިކް މިނިސްޓްރީން އެ ރަށުގެ ކައުންސިލަށް ފޮނުވާފައިވާ ބަޔާނުގައި ބުނެފައި ވަނީ މޮނިޓަރިންގެ ހާލަތުން ދޫކޮށްލާތާ 14 ދުވަސް ނުވާ ރަށްތަކުގައި ނަމާދު ނުކުރެވޭނެ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯ ލެނބުމަށާއި އަމަލު ކުރުމަށްވެސް އެ ބަޔާނުގައި ބުނެއެވެ.

ނަމާދު ކުރުމުގެ ހުއްދަ ދީފައި ނުވާ ރަށެއްގެ ގޮތުގައި މިލަންދޫ ކަނޑައަލާފައި ވަނީ މޮނިޓަރިންގެ ހާލަތުން ދޫކޮށްލާތާ 14 ދުވަސް ހަމަނުވާތީއެވެ.

މިލަންދޫ ޓާސްކްފޯސްއިން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި ގޮތިގައި މިލަންދޫ އަކީ ޕޮޒިޓިވް ކޭސްއެއް ފެނިފައިވާ ރަށަކަށް ވުމުން އެފަދަ ގޮތަކަށް ނިންމާފައި ވަނީ ކަމަށް ރައްޔިތުންނަށް ބުނެދީފައި ވާނެ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި އިޖުތިމާއީ ގައިދުރުކަން އިސްކޮށް އިދާރާ ތަކުން އަންގާ ގޮތަށް އަމަލު ކުރުމަށް ނަސޭހަތްރެތި ވެފައި ވާނެ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ކައުންސިލް އިދާރާ ދޮރުަތީގައި އިހުތިޖާޖު ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި 14 ދުވަސް ކަނޑަ އަލާފައިވީ ނަމަވެސް ކުރިން އެޗްޕީއޭގެ އިރުޝާދަކީ މޮނިޓަރިންނުން ނަގާތާ 28 ދުވަހެވެ. ނަމަވެސް ބައެއް ރަށްރަށުގައި ވަނީ 28 ދުވަސް ހަމަ ނުވަނީސް ޖަމާއަތުގައި ނަމާދު ކުރަން ފަށާފައެވެ.