ގިނަ ފަހަރަށް ފޯލްސް ޕޮޒިޓިވް ނަތީޖާ އަންނަނީ ކްރޮސް ކޮންޓަމިނޭޝަންގެ ސަބަބުން ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިގެ ބައްދަލުވުމުގައި ޑރ. މުރާދު މިހެން ވިދާޅުވީ ކޮވިޑް-19އަށް މީހުން ޕޮޒިޓިވްވެ، ނެގެޓިވްވެ، އަސްލު ނޫން ނަތީޖާ އަންނަނީ ކީއްވެތޯ އަހާ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، ޑރ. މުރާދު ވަނީ މިފަދަ ނަތީޖާ އައިސްދާނެ ހާލަތްތައް ވިދާޅުވެ ދެއްވާފައެވެ.

ޑރ. މުރާދު ވިދާޅުވީ އެއްވެސް ޓެސްޓަކީ 100 ޕަސެންޓް ސައްހަ ނަތީޖާ ލިބޭ ޓެސްޓެއް ނޫން ކަމަށެވެ. އަދި ކޮންމެ ޓެސްޓެއްގައި ވެސް ނުރަނގަޅު ނަތީޖާ އަންނާނެ ކަމަށާއި ހުންނަން ޖެހޭ ނިސްބަތަށް ވުރެ ގިނައިން މިފަދަ ނަތީޖާ ނާންނަ ނަމަ އެކަމުގައި ޓެސްޓުގެ މައްސަލައެއް ނެތް ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

ނުރަނގަޅު ނަތީޖާ ލިބިދާނެ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ޑރ. މުރާދު ފާހަގަ ކުރެއްވީ ޓެސްޓު ހެދުމުގެ ތެރޭގައި ދިމާވާ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ސާމްޕަލް ތަކުގެ ތެރެއަށް ލާން އެއް ޕްރޯބްތަކެއް ގެންގުޅޭ ކަމަށާއި، އެއީ ނުރަނގަޅު ނަތީޖާ އައިސްދާނެ ސަބަބެއް ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފުރަތަމަ ހެދޭ ޓެސްޓުގައި ވައިރަސްގެ އަސަރު ވަރަށް ގަދައަށް ހުރެފައި، ދެން އަންނަ ޓެސްޓް ރަން ކުރާއިރު ޕްރޯބްސްތަކުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ވައިރަސްގެ އަސަރު ހުރެދާނެ ކަމަށެވެ. މިއީ ކްރޮސް ކޮންޓަމިނޭޝަން ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

މީގެ އިތުރުން ޓެސްޓުތަކުގެ ސެންސިޓިވިޓީގައި ހުންނަ ތަފާތުތަކެއްގެ ސަބަބުން ވެސް ނުރަނގަޅު ނަތީޖާ އައިސްދާނެ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މެޝިނުން ވަކި ވަރަކަށް ޕެރިމީޓާސްތަކެއް ސެޓުކޮށްފަ ހުއްޓާ، ޓެސްޓް ކިޓްތަކުގެ ސެންސިޓިވިޓީއަށް އައިސްފަ ހުންނަ ބަދަލު ތަކުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ލިބިދާނެ ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ ޓެސްޓް ހެދުމުގައި ހަރަކާތްތެރިވާ މީހަކަށް ކުރެވޭ ކަމެއްގެ ސަބަބުން ވެސް ނުރަނގަޅު ނަތީޖާއެއް އައުން އެކަށީގެންވާ ކަމަށެވެ. އަދި ޓެކްނިކަލް މައްސަލަތައް ލެބޯޓްރީއަށް ފަހުން ފާހަގަ ކުރެވޭނެ ކަމަށާއި ނުރަނގަޅު ނަތީޖާ އިތުރަށް ރަނަގޅު ކުރުމަށް އިތުރު ސާމްޕަލްތައް ނަގަނީ ވެސް އެހެންވެ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. ނަމަވެސް މިއީ ޓެސްޓު ހެދުމުގެ ތެރޭގައި ނުވަތަ ޓެސްޓް ހަދާ މީހާގެ ނާގާބިލުކަމުން ދިމާވާ ކަމެއް ނޫން ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.